މިއަދު ދިވެހިރާއްޖޭގައި މިއޮތީ އިސްލާމްދީނަށް ނަޞްރުދޭނެ ސަރުކާރެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވުނު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއަދުގެ ސަރުކާރަކީ ދީނީ ކަންކަމަށް އިސްކަން ދެއްވާ އިސްލާމްދީނަށް ނަޞްރު ދޭނެ ސަރުކާރެއްކަމަށާއި މިއީ އުފާކުރައްވަންވީ ކަމެއްކަމަށެވެ.
އަދި ދީނީ ޢިލްމުވެރިން ކުރައްވާ ކޮންމެ ކަމަކަށްވެސް ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވުޒާރާއިން ކުރިއަށް ގެންދާ ކަންކަމުގެ އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބޭފުޅުންނަކީ ދީނީ ޢިލްމުވެރިންކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެކަމަށްޓަކައި ދީނީ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ދީނީ ޢިލްމުވެރިންނާއެކު އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދީނީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވި، ކުރިއަށް އޮތް އަހަރު ކުރަން ހުރި މުހިންމު މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދެކެވޭނެއެވެ.