އަމާޒަކީ މިދައުރުތެރޭގައި 1000 ޒުވާން ޚަޠީބުން މުޖްތަމަޢަށް ނެރުން: ވަޒީރު ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
އަމާޒަކީ މިދައުރުތެރޭގައި 1000 ޒުވާން ޚަޠީބުން މުޖްތަމަޢަށް ނެރުން: ވަޒީރު ޝަހީމް

މިދައުރުތެރޭގައި 1000 ޒުވާން ޚަޠީބުން މުޖްތަމަޢަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ 2 ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް މިވާހަކަ ވިދާޅުވީ މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އަދި މި ޕްރޮގްރާމުން ސަނަދު ހާސިލްކުރާ ޚަޠީބުން މުޖްތަމަޢުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމަށް ހިންގި 2 ވަނަ ބުރުގައި 209 ކުއްޖަކު ވަނީ ސަނަދު ހާސިލްކޮށްފައެވެ. މި ޕްރޮގްރާމް ނިންމާ ޚަޠީބުން އެހެން ދާއިރާއެއް ޚިޔާރުކުރިނަމަވެސް މިކަން ދޫކޮށްނުލާ ކުރިއަށްދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ގޮވާލެއްވިއެވެ. 

"އަޅުގަނޑު އެންމެ އުފާވާ އަނެއްކަމަކީ ޒުވާން ޚަޠީބުން އަޅުގަނޑުމެންގެ މުޖްތަމަޢުން އެކަން ބަލައިގަތްކަން. ބައެއް ރަށްރަށުގައި މާބޮނޑިއާއިއެކީގައި މަރުހަބާ ކިޔާ ޒުވާން ޚަޠީބު އެރަށައް ދިޔައީމަ. ޢީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ނަމާދު ކުރަން އޭނާއާއި ހަވާލުކުރޭ." ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގައި މިހާތަނަށް ހިންގި 2 ޕްރޮގްރާމުން 300 އަށްވުރެ ގިނަ ޚަޠީބުން ވަނީ ތަމްރީންކޮށްފައެވެ. ޚަޠީބުކަމުގެ ސަނަދު އޮތުމަކީ ޝަހްސިއްޔަތަށް އިތުރުވެގެންދާ އިތުރު ސިފައެއް ނުވަތަ މުއްސަނދިކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން