ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖުމެންޓް (ސީއާރުއެމް) ސިސްޓަމް މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން %87 މައްސަލަ ހައްލުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެފްޑީސީން ހާމަކުރި ގޮތުގައި، ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހަޅާފައިވާ 7،749 ހުށަހެޅުމެއްގެ ތެރެއިން 6،746 ހުށަހެޅުމަކަށް މި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ދާއިމީ ހައްލެއް ހޯދައިދީފައެވެ. އަދި ބާކީ ނުނިމި ހުރި ހުރިހާ މައްސަލަތައްވެސް ވީ އެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.
ރައްޔިތުންގެ ފަރާތުން އާންމު ގޮތެއްގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މެއިންޓެނަންސްއާ ގުޅުންހުރި ކަންކަމާއި ފެން ލީކުވުން ފަދަ ޓެކްނިކަލް މައްސަލަތައް ފާހަގަކުރެވެއެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މަޢުލޫމާތު އަދާހަމަކުރުމާ ގުޅޭ ކަންކަމުގެ އިތުރުން، އެޕާޓްމަންޓް ޔުނިޓުތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ހުށަހެޅުންތައްވެސް ވަނީ ލިބިފައެވެ. އަދި ޓަވަރުތަކުގެ ޢާންމު ސަރަހައްދުތަކާއި ލިފްޓުތަކުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ގިނަ ޚިޔާލުތަކެއް ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވެއެވެ.
އަމާން ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާން އަދި ލުއިފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، 24 ގަޑިއިރު ޚިދުމަތް ދޭނެ ކޯލު ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެފްޑީސީން މިހާރު އަންނަނީ ކުރަމުންނެވެ.