ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް އެ ސަރަހައްދުން ގޯތި ދޫކުރަން ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާގެ "ހަފްތާ 156" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ވަޒީރު މުއްޠަލިބް ފާހަގަކުރެއްވި ގޮތުގައި އެ މާސްޓަރ ޕްލޭން އެކުލަވާލާއިރު ޚާއްޞަ ސަމާލުކަމެއް ދޭނީ، އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ގޯތި ދެވޭނެ ގޮތަކަށް ބައްޓަން ކުރުމަށެވެ. މީގެ އިތުރުން ކުރިމަގުގައި އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް އިމާރާތްތައް ތަރައްޤީކުރެވޭނެ މަގުފަހިވާނޭހެން ޕްލޭން ބައްޓަންކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓަރ ފްރޮންޓް މެރީނާ ޕްރޮޖެކްޓް" އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެނަމަ ރަސްމާލޭގައި ވަރަށް ބޮޑު އިޤްތިޞާދެއް އުފެދިގެންދާނެ ކަމަށެވެ.
"މޯލްޑިވްސް ވޯޓަރ ފްރޮންޓް މެރީނާ ޕްރޮޖެކްޓްގެ އެގްރީމަންޓްގައި ސޮއިކުރެވިއްޖެނަމަ އެވަރަށް ބޮޑު އިޤްތިސާދެއް އެތަނުގައި އުފެދޭނެ. ވަޒީފާގެ ފުރުޞަތުތަކާއި މަސައްކަތްތަކާއި ވިޔަފާރިތައް އުފެދިގެން ދިޔައީމަ ރަސްމާލެއިން ދިވެހިންނަށް ޚާއްސަވެފައި އޮތް ބައި ތަރައްޤީ ކުރުމަށް ފަސޭހަވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެ ޕްރޮޖެކްޓާއެކު އައު ވަޒީފާތަކާއި މަސައްކަތްތަކުގެ އިތުރުން ވިޔަފާރިތައް އުފެދިގެން ދިއުމަކީ، ރަސްމާލެއިން ދިވެހި ރައްޔިތުންނަށް ޚާއްޞަކޮށްފައިވާ ބައި ތަރައްޤީ ކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށެވެ.