ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނީ ހަމަހަމަ ބައިވެރިންގެ ގޮތުގައި އެއްބާރުލުން ދީގެން: ވަޒީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނީ ހަމަހަމަ ބައިވެރިންގެ ގޮތުގައި އެއްބާރުލުން ދީގެން: ވަޒީރު

ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނީ އެންމެން ހަމަހަމަ ބައިވެރިންގެ ގޮތުގައި ތިބެ، އިޙްތިރާމާއި އިތުބާރާއެކު އެއްބާރުލުން ދީގެން ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ވިލާ ނޯޓިކާގައި ބޭއްވި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރަޙައްދީ ސަލާމަތަށްޓަކައި ރާއްޖޭގެ ދިފާޢީ ޤާބިލުކަން އިތުރުކުރުން ނުހަނު މުހިންމު ކަމަށާއި، މިކަމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ހަރުދަނާ ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޤައުމީ ދިފާޢީ ބާރު ޒަމާނީކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމާއި، ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވުމުގެ ޤާބިލުކަން ފުޅާ ދާއިރާއެއްގައި އިތުރުކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑުގެ ދިފާޢަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރައްވަމުން، އިންޑިއާ ކަނޑަކީ ރާއްޖޭގެ އިޤްތިޞާދީ މައިނާރާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިންގާ ކަމުގައި ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އަމިއްލަ ސަރަޙައްދުގެ ކަނޑުގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ފަދަ ޤާބިލުކަން ކޮންމެ ޤައުމެއްގައިވެސް ހުރުމަކީ، މުޅި ސަރަޙައްދުގެ އަމާންކަމާއި ރައްކާތެރިކަމަށް ލިބިގެންދާނެ ބޮޑު ބާރެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެއިން އިންޑިއާ ކަނޑާ މެދު ދެކޭ ތަޞައްވުރަކީ، މި ސަރަޙައްދަކީ ހުރިހާ ޤައުމުތަކަކަށްވެސް އަމާން، ހަމަޖެހޭ އަދި ހުޅުވާލެވިފައިވާ ސަރަޙައްދެއްގެ ގޮތުގައި ދެމިއޮތުން. އަދި ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލާންވާނީ އެންމެން ހަމަހަމަ ބައިވެރިންގެ ގޮތުގައި ތިބެ، އިޙްތިރާމާއި އިތުބާރާއެކު އެއްބާރުލުން ދީގެން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް އަލިއަޅުއްވާލެއްވި ކަންކަމުގެ ތެރޭގައި، ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި، މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި ކުރުމުގެ އިތުރުން، ޓެރަރިޒަމް ފަދަ ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތަކަކީ ޤައުމުތަކުގެ ސަލާމަތަށް އޮތް ބޮޑެތި ގޮންޖެހުންތަކެއްކަން ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން