މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %8.97 އިތުރުވެއްޖެއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.70 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާއެވެ.
މީގެ އިތުރުން، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގައި ވަނީ އިތުރުވެފައެވެ. އެގޮތުން އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 1.72 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.59 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %8.17 ގެ ކުރިއެރުމެކެވެ.
ޑިޕާޗަރ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އެއްކޮށްލުމުން، މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް މި ދެ ބާވަތުން ދައުލަތަށް ޖުމްލަ 3.42 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދެ ގޮތުން ލިބިފައިވަނީ 3.15 ބިލިޔަން ރުފިޔާ ކަމަށްވާތީ، މިއީ ޖުމްލަ %8.57 ގެ ކުރިއެރުމެކެވެ.
ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ތައާރަފުކޮށް ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގެ 1ވަނަ ދުވަހުއެވެ.