ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި އައުޓްޑޯ ޖިމް މަޝްރޫޢުގެ ދަށުން، މިހާތަނަށް 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެޗްޑީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ފާއިތުވި އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން އެކި ރަށްރަށުގައި ޖުމްލަ 71 އައުޓްޑޯ ޖިމް ޤާއިމުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން އަލަށް ޤާއިމުކުރި އައުޓްޑޯ ޖިމްތަކަކީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަނެވެ. މީގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ޒުވާނުންނަށް ކަސްރަތުކޮށް ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާރު ނުނިމި ހުރި 21 އައުޓްޑޯ ޖިމްގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެއެވެ.
އެގޮތުން ބައެއް ރަށްރަށުގައި މި މަޝްރޫޢަށް ބޭނުންވާ ސާމާނު ސަޕްލައިކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މަރާމާތުކޮށް އާބާތުރަ ފިލުވަންޖެހޭ އައުޓްޑޯ ޖިމްތަކުގެ މަސައްކަތްތައްވެސް އެ ކޯޕަރޭޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.