ހުޅުމާލެ ފޭސް2 ގައި 500 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އަޅަން ބިން ހަމަޖެހިއްޖެ: ވަޒީރު ޤީލާ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ހުޅުމާލެ ފޭސް2 ގައި 500 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އަޅަން ބިން ހަމަޖެހިއްޖެ: ވަޒީރު ޤީލާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 500 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙުމަދު ޝަމްހީދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި މެމްބަރު ޝަމްހީދު ވަނީ ހުޅުމާލޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ނެތްކަން ފާހަގަކުރައްވައި، ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ އަގު ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ސަރުކާރުން އަލަށް ޤާއިމްކުރާ ހޮސްޕިޓަލުގެ މަސައްކަތް ފެށޭނެ ތާރީޚަކާ ގުޅޭގޮތުން ސުވާލު އަމާޒުކުރައްވާފައެވެ.

މެމްބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ޤީލާ ވިދާޅުވީ، ހުޅުމާލެ ފޭސް2 ގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 500 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ މަޝްރޫޢަށް އިކޮނޮމިކް ކައުންސިލުން މިހާރު ހުއްދަ ދެއްވާފައިވާ ކަމަށެވެ. އަދި މި ވަގުތު ކުރިއަށްދަނީ މި މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް ނިންމުމާއި، ދޭނެ ޚިދުމަތްތައް ޕްލޭންކުރުމުގެ މަރުޙަލާ ކަމަށް ވެސް ވިދާޅުވިއެވެ.

"ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރާ މި ހޮސްޕިޓަލުން، އަންހެނުންނާ ކުޑަކުދިންގެ ޚާއްސަ ފަރުވާ އާއި ކެންސަރު ބަލީގެ ފަރުވާގެ އިތުރުން ސުޕަރސްޕެޝަލިސްޓުންގެ ގިނަ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ މިންވަރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، ނިމިދިޔަ ސަރުކާރުން ފޭސް2 ގައި މީހުން އާބާދުކުރަން ފެށީ އެކަށީގެންވާ ރަނގަޅު ޕްލޭނެއް ނެތި ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްޙީ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ސިއްޙީ ދާއިރާ ތަރައްޤީކޮށް ފުޅާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ހުރި ހުޅުމާލެ ހޮސްޕިޓަލުގެ ޢިމާރާތާ އިންވެގެން އޮތް ބިމުގައި 250 އެނދުގެ އެކްސްޓެންޝަން ޢިމާރާތެއް އެޅުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކުރެވި، އޭގެ ޑިޒައިން މަސައްކަތްތައް މިހާރު ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ގްލޯކާމާ އާއި ނާރުގެ ބަލިތަކަށް ޚާއްސަ ފަރުވާތައް މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގައި ފަށާފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން