ޒުވާނުންނާއި ކިޔަވާކުދިންގެ މެދުގައި ނަފްސާނީ މައްސަލަތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެފަދަ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު މެންދުރު ޔޫތުހަބްގެ ހޯލުގައި ކުރިއަށްދިޔަ "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުނދަގޫތަކާއި ނުތަނަވަސްކަން ތަޙައްމަލުކުރަންޖެހޭނެ ކަމާއި، ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި އުންމީދު ކުރި ގޮތް ނުވުމާ ކުރިމަތިލާން ނުޖެހޭ މީހަކު ނުހުންނާނެ ކަމުގައެވެ. އެހެންކަމުން، އިންސާނާގެ އެންމެ އަގުހުރި އެއްޗަކީ އޭނާގެ ނަފްސާ ފުރާނަ ކަމުގައި ވީހިނދު، ނަފުސާ ފުރާނައަށް ރައްކާތެރިވާން ޖެހޭކަން ނާއުންމީދުވާ ޒުވާނުންނަށް ހަނދާންކޮށްދޭން ޖެހޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ. ހަމަ މިޔާއެކު، ﷲގެ ޙަޟްރަތުގައި މާޔޫސްވުމެއް ނެތްކަމަށާއި، ދިރިއުޅުމުގެ ކާމިޔާބީގެ ތަޅުދަނޑިއަކީ ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް، މާތް ﷲއަށް ވަކީލުކުރުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ނަފްސާނީ ދުޅަހެޔޮކަމަކީ ޞިއްޙީ ގޮތުން ބެލުމުގެ އިތުރުން ދީނީ ގޮތުންވެސް ބަލަންޖެހޭ މުހިންމު ކަމެއް ކަމުގައެވެ. އަދި ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފަސްނުޖެހި ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ކަމާބެހޭ އެހީތެރިންނާ ޙިއްސާކޮށްގެން އަވަހަށް ފަރުވާ ހޯދުމަށް، އެކަމަނާ ޒުވާނުންނަށް ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ ކުދިންގެ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން، އެފަދަ ޙާލަތްތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރައްވާ އިދާރީ އަދި ޤާނޫނީ ޒިންމާ އުފުއްލަވާ ބޭފުޅުން، މިކަންކަމަކީ، ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ނުދެކި، އިންސާނީ އަދި އިޖްތިމާޢީ ޒިންމާއެއްގެ ގޮތުގައި ބަލައިގަތުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން،އެކަމަނާ ވިދާޅުވީ، އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއަކަށް ވާންވާނީ، ހުރިހާ ކުދިންގެ ރައްކާތެރިކަން ކަމަށާއި، އެތައް ފަހަރަކު އަނިޔާގެ ޝިކާރައަކަށް ވެފައިވާ ޒުވާނަކުވެސް، ހިތްވަރު ލިބިގެން އެހީއަށް އެދުމުން އޭނާއަށް ޙިމާޔަތާ ރައްކާތެރިކަން ދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކި، އިންސާފު ލިބޭނޭކަން ޔަޤީންކޮށްދޭން ޖެހޭނެ ކަމުގައެވެ. އަދި ޒުވާނުންނަކީ، މި ޤައުމުގެ މާދަމާގެ ބަޠަލުންކަން ފާހަގަކުރައްވައި، ގަދަ ހިތްވަރާއި، އީޖާދީ ވިސްނުމާއެކު ޤައުމަށާއި ދީނަށް އަގުހުރި ދަރިންތަކަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް ޢަޒުމު ކަނޑައެޅުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
މިރަސްމިއްޔާތުގައިއެކަމަނާވަނީ، މި ކޮންފަރެންސްގައި އެކި ތީމެޓިކް ދާއިރާތަކުން ހުށަހެޅުންތައް ހުށަހެޅުއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ. އަދި ކޮންފަރެންސްގެ ބައިވެރިންނާއެކު ނެގި ގްރޫޕް ފޮޓޯގައިވެސް އެކަމަނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.