ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދިން ގޮތަށް ރަސްމާލެއިން ދޫކޮށްފިނަމަ 40 އަހަރު ވިޔަސް ތަރައްގީއެއް ނުވާނެ: ވަޒީރު މުއްޠަލިބް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދިން ގޮތަށް ރަސްމާލެއިން ދޫކޮށްފިނަމަ 40 އަހަރު ވިޔަސް ތަރައްގީއެއް ނުވާނެ: ވަޒީރު މުއްޠަލިބް

ވިޔަފާރިއާއި އާމްދަނީ ލިބޭނެ އިޤްތިޞާދީ ހަރަކާތްތަކަށް ޖާގަ ނުދީ، ކުރީ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރި އުސޫލުން ރަސްމާލެއިން ގޯތި ދޫކޮށްފިނަމަ ކުރިއަށް އޮތް 40 އަހަރު ތެރޭގައިވެސް އެ ތަން ތަރައްޤީނުވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރަސްމާލެއިން 4000 އަށް ވުރެ ގިނަ ގޯތި ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނިކޮށް، އެ ބިމުން އެކި ފަރާތްތަކަށް ބިން ދޫކުރަމުންދާތީ އާންމު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުޞަތު އޮންނާނެތޯ މެންބަރު ވަނީ ސުވާލު އުފައްދަވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ރަސްމާލޭގެ ރަށްވެހިންނަށް އެއްވެސް ޚިދުމަތެއް ހޯދުމަށް މާލެއަށް އަންނަން ނުޖެހޭ ފަދަ، އަމިއްލަ ފުދުންތެރިކަން ލިބިފައިވާ ޝަހަރެއްގެ ގޮތުގައި އެ ތަން ތަރައްޤީކުރުން ކަމަށެވެ. އަދި ވިޔަފާރިއާއި އާމްދަނީ ލިބޭނެ އިޤްތިޞާދީ ހަރަކާތްތަކެއް ނެތި ހަމައެކަނި ބިންކޮޅެއް ނުވަތަ ގޯއްޗެއް ދިނުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި، ރަސްމާލެ ތަރައްޤީކުރަމުންދަނީ ވަޒީފާތަކާއި އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކާ އެކުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭގެ ތަރައްޤީގެ މިސާލު ނަންގަވަމުން ވަޒީރު ފާހަގަކުރެއްވީ، 1997 ވަނަ އަހަރު ހުޅުމާލެ ހިއްކަން ފަށައި މީހުން ދިރިއުޅެން ފެށި ނަމަވެސް، 2018 ވަނަ އަހަރު ސިނަމާލެ ބްރިޖު އެޅުމާ ހަމައަށް އެ ތަން އޮތީ "ނިދަން އަރާ ހާއްޔެއް"ގެ ގޮތުގައި ކަމަށެވެ. އަދި މިއަދުވެސް ހުޅުމާލެއިން 60،000 އެއްހާ މީހުން ވަޒީފާއަށް މާލެ އަންނަން ޖެހިފައިވަނީ އެ ތަނުގައި އެކަށީގެންވާ ވަރަށް އާމްދަނީއާއި ވަޒީފާގެ ފުރުޞަތުތައް ނެތުމުން ކަމަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބޯހިޔާވަހިކަން ދޫކުރި ގޮތަށް ފާޑުވިދާޅުވަމުން ވަޒީރު އިތުރަށް ވިދާޅުވީ، އިޤްތިޞާދީ ހަރަކާތްތަކަށް ޖާގަ ނުދީ ބިން ބަހައިފިނަމަ ކުރިމަތިވާނެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙު ގުޅީފަޅުން ގޯތި ދިން ގޮތަށް، ގިރާވަރުފަޅުން ގޯތި ދިން ގޮތަށް ވިޔަފާރިއެއް ކުރާނެ އާމްދަނީ ހޯދާނެ އެއްވެސް ބިމެއް ނެތި ރަސްމާލެއިން ގޯތި ދޫކޮށްފި ކަމަށް ވެއްޖެއްޔާ، ކުރިއަށް އޮތް 40 އަހަރު ތެރޭގައިވެސް އެ ތަން ތަރައްޤީއެއް ނުވާނެ،" ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

މިއަދު އޮންލައިން