ވޭމަންޑޫއާއި ކައިރި ރަށްތަކުގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ އާ ދޮރެއް؛ ވޭމަންޑޫ އައި.ޔޫ.އެމް ކެމްޕަހުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ވޭމަންޑޫއާއި ކައިރި ރަށްތަކުގެ ދަރިވަރުންނަށް މަތީ ތަޢުލީމުގެ އާ ދޮރެއް؛ ވޭމަންޑޫ އައި.ޔޫ.އެމް ކެމްޕަހުގެ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އިން ތ. ވޭމަންޑޫގައި ޤާއިމުކުރާ އައު ކެމްޕަހުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވަނީ 24 ނޮވެންބަރު 2026 ވީ އަންގާރަ ދުވަހުގެ ހެނދުނު ވޭމަންޑޫގައެވެ.

މި ރަސްމިއްޔާތުގައި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއާއި އެ ޔުނިވަރސިޓީގެ އިސްވެރިންގެ އިތުރުން، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ޢަބްދުލްފައްތާޙާއި ވޭމަންޑޫ ކައުންސިލްގެ މެންބަރު ނާއިލާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށު ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފުން، އަދި ރަށުގެ އިސް ރަށްވެހިންނާއި ކަމުވޮށިގެންވާ ބޭފުޅުންވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވޭމަންޑޫ ކައުންސިލްގެ މެންބަރު ނާއިލާ އަޙްމަދު ވިދާޅުވީ، ރަށްރަށުގެ އާބާދީތަކާ ވީހާވެސް ގާތުން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށާއި، ވަކިވަކިން އުފެދިފައިވާ ރަށްތަކަށް ހަމަހަމަކަމާއެކު ތަޢުލީމީ ފުރުޞަތުތަކާއި ތަރައްޤީ ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ނުހަނު މުހިންމު މަސައްކަތްޕުޅުތަކެއް ކަމަށެވެ. އަދި މި ކެމްޕަސް ޤާއިމުކުރެވުމުން ވޭމަންޑޫގެ އިތުރުން މުޅި ސަރަޙައްދަށްވެސް ދެމެހެއްޓެނިވި ތަރައްޤީ ލިބިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ދެއްކެވި ވާހަކަފުޅުގައި، މާލޭގައި ހޮސްޓެލްގެ ވަސީލަތްތައް ނެތުމާއި ކުއްޔަށް އުޅެން ޖެހުމުގެ ސަބަބުން ދަރިވަރުން އުފުލަންޖެހޭ ތަކުލީފުތަކަށް މި މަޝްރޫޢުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވޭމަންޑޫ އަދި ކައިރި ރަށްތަކުގެ ދަރިވަރުންނަށް އެކޮމޮޑޭޝަންގައި ތިބެގެން ކިޔެވުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޢަލީ ޒާހިރު އިތުރަށް ވިދާޅުވީ، ސްކޫލް ނިންމުމަށްފަހު އެކި ދާއިރާތަކުން ޕީއެޗްޑީއާ ހަމައަށް އަމިއްލަ ސަރަޙައްދުގައި ތިބެގެން ކިޔެވުމަކީ މުޅި ސަރަޙައްދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން، އައި.ޔޫ.އެމްގައި ތަޢުލީމު ޙާޞިލުކުރާ ބައިނަލްއަޤްވާމީ ދަރިވަރުންނާ ދިވެހި ދަރިވަރުން ބައްދަލުވެ، އެކަކު އަނެކަކުގެ ތަޖުރިބާ ޙިއްޞާކޮށް، ދުނިޔަވީ ކަންކަމަށް ދަރިވަރުން ލޯހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށްދާ ގޮތް ރަށުގެ ރައްޔިތުން ގާތުން ބައްލަވައި، މަޝްރޫޢާ ގުޅިގެން ޙިއްޞާކުރަން ބޭނުންވާ ޚިޔާލުތަކާއި ކަންކަމުގައި ޔުނިވަރސިޓީއާ މުޢާމަލާތްކުރުމަށް މަރުޙަބާ ކިޔާކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވޭމަންޑޫ ކައުންސިލުން ވެދެއްވި އެހީތެރިކަމާއި ފަހިކޮށްދެއްވި ފުރުޞަތުތަކަށްޓަކައި އެ ކައުންސިލަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން