އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި ތަފާތުކުރުންތައް ހުއްޓުވުމަށާއި، ބިރުވެރިކަމެއް ނެތް އަމާން މުސްތަޤުބަލެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިކަމަށް ގޮވާލެއްވީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް އަގެއިންސްޓް ޖެންޑަރ-ބޭސްޑް ވަޔަލެންސް" ކެމްޕޭން ފެށުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެކަމަނާގެ މެސެޖުގައި ވިދާޅުވީ، ޖެންޑަރ-ބޭސްޑް ވަޔަލެންސް ނުވަތަ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެންމެންގެ އެއްބާރުލުމާއި، ހިތްވަރު އަދި އަނިޔާއަށް އެއްވެސް ޖާގައެއް ނުދިނުމުގެ ސިޔާސަތެއް (ޒީރޯ ޓޮލަރެންސް) ބޭނުންވާ ކަމަށެވެ. އެހެންކަމުން އަނިޔާ ލިބޭ ފަރާތްތަކަށް އިސްކަންދޭ އެހީތެރިކަން ކަށަވަރުކުރުމަށާއި، އިންސާފު ހޯދުމުގެ މަގު ފަހިކުރުމަށާއި، އަނިޔާދޭ ފަރާތްތަކާއި ކަމާބެހޭ މުއައްސަސާތައް ޒިންމާދާރު ކުރުވުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދިނުމަށާއި އަނިޔާވެރި އަމަލުތަކަކީ އާދައިގެ ކަންކަމުގެ ގޮތުގައި ބަލައިގަތުން ހުއްޓުވުމަށްޓަކައި، އެފަދަ ފަރާތްތަކުގެ އަޑު އެއްވެސް ކުށްވެރިކުރުމެއް ނެތި އަހަންޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުން ކަށަވަރުކުރަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް، ހަމަހަމަކަމާއެކު އުފާވެރި އަދި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.