މިދިޔަ އަހަރު ބޭއްވި ވަރަ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުން ހުށަހެޅި އެޕްލިކޭޝަންތައް ޕްރޮސެސްކޮށް، 1،100 އަށް ވުރެ ގިނަ ވަޒީފާ ހަމަޖެހިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ޑރ. ނަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ އެކްސްޕޯއިން ފެނިގެންދިޔަ މުހިންމު ކަމަކީ ދިވެހިންނަށް ޚާއްޞަކޮށްގެން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވަޒީފާދޭ ފަރާތްތަކުގެ ކިބައިގައި އޮތް ޝައުޤުވެރިކަމާއި ތައްޔާރީ ކަމަށެވެ.
"މިއަހަރު އަޅުގަނޑުމެންނަށް އިހުސާސްވޭ ވަޒީފާ ދޭން ތިބި މީހުން ދިވެހިންނަށް ހާއްސަކޮށް ވަޒީފާގެ ފުރުސަތުތައް ދިނުމަށްޓަކައި ތިއްބެވި މިންވަރު." ޑރ. ނަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި، ވަރަ އެކްސްޕޯއަކީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ.
މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާޙައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.