ރާއްޖެ މިހާރު އޮތް ތަރައްޤީގެ ހަރުފަތުން އިތުރު އާ ހަރުފަތަކަށް ދެވޭނީ ސަރުކާރުން ފަށާފައިވާ ރަސްމާލެ މަޝްރޫޢާއެކު ކުރިއަށް ގޮސްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދ. ރިނބުދޫ ބަނދަރު ހިޔާ ހުޅުވައިދެއްވުމަށްފަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫޢަކީ ރައްޔިތުންގެ މުސްތަޤުބަލު އުޖާލާކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ މަންފާއާއި ލާބަ ލިބިގެންދާނެތީ، އެ މަސައްކަތަށް ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ ތާޢީދު އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިއަދު ރަސްމާލޭގެ މަސައްކަތް ލޮބުވެތި ރައްޔިތުންނަށްޓަކައި ފެއްޓެވި އަދި އެތަނަށް ގެންނަވާ ތަރައްޤީއަކީވެސް، ރައްޔިތުންނަށްޓަކާ މުސްތަޤުބަލު އުޖާލާ ކޮށްދެއްވުމަށް ކުރައްވާ މަސައްކަތް. އަޅުގަނޑުމެން އެކަމަށް ތާޢީދު ކޮށްގެން މިތިބީ، ތި ލޮބުވެތި ރައްޔިތުން އެކަމަށް ތާޢީދު ކޮށްގެން މިތިބީ ތި ލޮބުވެތި ރައްޔިތުންނަށް އޭގެ މަންފާ އަދި ލާބަކުރުވާނެތީ." ނައިބު ރައީސް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ސަރަޙައްދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ޤާނޫނުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން، ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ރައްޔިތުންނަށް މަޢުލޫމާތު އޮޅޭގޮތަށް ރަސްމާލެއާ ގުޅޭ ވާހަކަތައް ނުދެއްކެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، ކޮންމެ މީހެއްގެވެސް އަމާޒަކަށް ވާންޖެހޭނީ ތަރައްޤީވެފައިވާ ރާއްޖެއެއް ބިނާކުރުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މާޒީގައިވެސް އިޤުތިޞާދު ސިންދަފާތު ކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކަށް ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ހުރަސް އެޅިފައިވާކަން ފާހަގަކުރައްވައި، ޤައުމުގެ ކުރިމަގަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، އިސްރާޢީލު ފިޔަވައި އެހެން ކޮންމެ ޤައުމަކަށްވެސް ރާއްޖެ ހުޅުވާލެވިފައިވާއިރު، އެކަން ޤާނޫނަކުން މަނާކުރުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނާނެ ކަމަށެވެ. އަދި ޤައުމަށާއި އިސްލާމްދީނަށް ގެއްލުންވާ ފަދަ އެއްވެސް ފިޔަވަޅެއް ރައީސުލްޖުމްހޫރިއްޔާ ނާޅުއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު އެރުވިއެވެ.