ޓެކްސީ ދަތުރަކަށް 25 ރުފިޔާ ކަނޑައެޅީންސުރެ އެއީ ބޮޑު އަގެއްކަމަށް ގިނަ ބައަކު އަންނަނީ ބުނަމުންނެވެ. ޕެޓްރޯލު ލިޓަރެއްގެ އަގު 17 ރުފިޔާއަށް އެރުމުން އަގަ ގެނައި ބަދަލު ލިޓަރެއް 8 ރުފިޔާއަށް ހެޔޮ ވުމުން ވެސް ކުޑަ ކޮށްފައެއް ނުވެއެވެ.
ޓެކްސީ ދުއްވާ ފަރާތްތަކުގެ ވެސް ޝަކުވާތައް ގިނައެވެ. މަރާމާތުކުރުމާއި ސްޕެއާޕާޓްތަކުގެ އަގު ބޮޑުވުމެވެ. މާލެ ތޮއްޖެހި ދަތުރަކަށް ހޭދަކުރަންޖެހޭ ވަގުތު ގިނަވުމެވެ. ދިރިއުޅުމުގެ އަގުތައް އުފުލުމެވެ.
ގަރާޖް ފީގެ އަގު ބޮޑުވުމެވެ. މި މައްސަލަތަކުގެ ތެރެއިން ގަރާޖް ފީގެ ޝަކުވާއަކީ މިހައި ތަނަށް އެއްވެސް މުހިންމު ޝަކުވާއެއް ނޫނެވެ. ސަބަބަކީ ވަރަށް މަދު ޓެކްސީއެއް ނޫނީ ޕާކުކުރަނީ މަގުމަތީގައި ކަމަށްވުމެވެ. މިއަދު އުފެދިގެން މިއުޅެނީ މުޅިން ތަފާތު މައްސަލައެކެވެ.
ބްރިޖުން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅައިލުމުން ކުރިމަތިވެގެން އުޅޭ ދަތުރުގެ ދިގުމިނުގެ މައްސަލައެވެ. މި މައްސަލަ ޢާއި ގުޅިގެން ޚިޔާލު ފައުޅުކުރާ ގިނަ ބައަކު ބުނަނީ ޓެކްސީ ތަކުގައި މީޓަރު ހަރުކުރުމުން މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. ބައެއް މީހުން ބުނަނީ 2 ޓެރިފެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.
އެއް ޓެރިފަކީ ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި ދުއްވާނެ ޓެރިފެވެ. ދެވަނަ ޓެރިފަކީ ދުރުދަތުރުތައް ކުރާނެ ޓެރިފެވެ. މިފަދަ އުޞޫލެއް ހަމަޖައްސައިފިނަމަ އަގޮު ބޮޑުވެ ކުޑަވެގެން އުޅެން ނުޖެހޭނެ ކަމަށެވެ. ޢާންމު ރައްޔިތުންނަށް ހުޅުވާލައިގެން އަންނަ މަހު ބާއްވާ ޚިޔާލު ހޯދުމުގެ ތެރެއިން މިފަދަ އެތައް ބައިވަރު ޚިޔާލުތައް ހުށަހެޅިގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ާ