ހއ. އިހަވަންދޫގައި ރޭ ފަތިހު ތުއްތު ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ފުލުހުން ބަލަމުން އެބަ ގެންދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން އެންމެ 19 ދުވަހުގެ އެކުއްޖާ ނިޔާވީ މިއަދު ރޭ ފަތިހު 5:30 ހާއިރެވެ. އެކުއްޖާގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ޑޮކްޓަރުން ނިންމާފައިވީ ނަމަވެސް، ކުއްލި ގޮތަކަށް މިކަން ދިމާވުމުން ފުލުހުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ.
އެކުއްޖާއަށް ގާތުން ދިނުމަށްފަހު ކުއްޖާގެ މަންމާއާއި ބައްޕަގެ ދެމެދުގައި ނިންދެވި ކަމަށާއި، އެތުއްތު ކުއްޖާ މަރުވެފައިވާކަން އެނގުނީ ހެނދުނު ތެދުވެ ބެލިއިރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތުމުން ކަމަށް އިހަވަންދޫގެ ކައުންސިލަރު ވިދާޅުވިއެވެ.
މީގެއިތުރުން ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށާއި ވަގުތުން ސިއްޙީ މަރުކަޒަށް ކުއްޖާ ގެންދިޔަ ކަމަށް ވެސް ކައުންސިލަރު ވިދާޅުވެފައިވެއެވެ. އަދި އެކުއްޖާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ޑޮކްޓަރުން ނިންމި ކަމަށް ވެސް ވިދާޅުވިއެވެ.
ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން ބޭރުފުށުން ފެންނަން ނެތް ކަމަށާއި އެކުއްޖާ ހުން އައިސްފައި ހުރިހެން ހީވެގެން އިއްޔެ ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވެފައިވެއެވެ.