ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ނިންމާ އެޕާޓީން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވި ކޮންގްރެސް ސައްޙަ ކަމަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރުމުން، އެޕާޓީ އެންމެ ފުރަތަމަ އުފެއްދެވި ރައީސް މައުމޫން އަބްދުލްޤައްޔޫމް ތަފާތު ޓްވީޓެއް ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު އެއަމުރު ނެރިފައިވީ ނަމަވެސް ހިތްވަރު ދެރަ ނުވާނެކަން ދޭހަވާފަދަ ގޮތަކަށް ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ "އިރާދަކުރެއްވިއްޔާ މިއަޒުމެއް ނުގުޑާނެ، މިހިތްވަރެއް ނޭލޭނެ" ކަމުގައެވެ.
ރައީސް މައުމޫންގެ އެޓްވީޓާއި ގުޅިގެން އެތައް ބަޔަކުވަނީ އެމަނިކުފާނަށް ހިތްވަރު ދެއްވާ، އެބޭފުޅުން ތިބީ އެމަނިކުފާނާއެކު ސާބިތުކަން މަތީގައި ކަމަށް ވެސް ބުނެ ތައުރީފު ކޮށްފައެވެ.
ޕީޕީއެމްގެ ކޮންގްރެސް ސައްޙަ ކަމަށް ދަށު ކޯޓުންނާއި މަތީ ކޯޓުން ވެސް ވަނީ ނިންމާފައެވެ. މީގެއިތުރުން ވެސް އެޕާޓީއާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދެއެވެ. އެއީ އެޕާޓީގެ މިލްކިއްޔާތާއި ގުޅޭގޮތުން އާންމު ދެ މެމްބަރަކު ހުށަހަޅާފައިވާ މައްސަލައެއް ސިވިލް ކޯޓަށް ބެލިދާނެ ކަމާއިމެދު ކުރިއަށްދާ މައްސަލައެކެވެ.
Iraadha kurevviyyaa mi azumeh nugudaane. Mi hiyvareh neyleyne.
— Maumoon Abdul Gayoom (@maumoonagayoom) January 30, 2019