އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު
ކޮންމެ ކަމެއްވެސް ޙާޞިލު ކުރެވޭނީ އެކަން ކުރަން އަޒުމް ކަނޑައަޅައި މަސައްކަތްކޮށްގެންނެވެ. އަމިއްލަ ދިރިއުޅުމަށް ބެލި ނަމަވެސް ކަންކަން ކާމިޔާބު ކުރެވޭނީ، ކާމިޔާބު ކުރެވިފައި ހުރީ މަޤްޞަދު ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކޮށްގެންނެވެ. ވިޔަފާރީގައިވެސް ވަޒީފާގައިވެސް ކުރިއަރައި ދެވިފައި ހުރީ ހިތްވަރާއި އަޒުމާއިއެކު މަސައްކަތްކޮށްގެންނެވެ.
އަޅުކަން ކުރުމުގައިވެސް އޮތީ ހަމަ އެގޮތެވެ. ކޮންމެ ގޮތެއްވިޔަސް ނަމާދެއް ނުއަޅަން އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރާ މީހުންނަށް އެކަން ކުރުން ބުރަކަމަކަށް ނުވެއެވެ. ފަތިހު ހޭލަން އަޒުމްކަނޑައަޅައިގެން މަސައްކަތް ކުރާ މީހުންނަށް އެކަންވެސް ކުރެވެއެވެ. ފަތިސްނަމާދު ޖަމާއަތުގައި ކުރަން އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރީމާ އެކަންވެސް ހަމަ ކުރެވެއެވެ.
ފަތިހު ނިކަން ޕާކުތައް ބަލައިލަބަލާށެވެ. ކަސްރަތުކުރާ މީހުންގެ އަދަދަށް ނިކަން ބަލައިލަބަލާށެވެ. އެމީހުންނަށް އެކަން އެކުރެވެނީ އެކަން ކުރަން އަޒުމް ކަނޑައެޅުމުންނެވެ. އެއްބައަކު ބޭނުންވަނީ އަބަދުވެސް ލޫޅާފަތިކޮށް ރީތިކޮށް ތިބޭށެވެ. އަނެއް ބައަކު ކަސްރަތު ކުރަނީ ޑޮކްޓަރު ކޮންމެވެސް ވާހަކައެއް ބުނީމާ އަވަހަށް މަރުވެދާނެ ކަމުގެ ބިރަށެވެ.
މުސްލިމުންނަށް މިވާގޮތަކީ 7 އުޑުގެ މަތިން ﷲ ތަޢާލާ ފަތިހު ތެދުވެ ނަމާދުކުރަން އަންގަވާފައި އޮތް އޮތުން ޤަބޫލު ނުކުރެވެނީއެވެ. މަރުވުމުން ދެން ކަންތައް ވާނެ ގޮތް އަންގަވާފައި އޮތް ނަމަވެސް މަރު ނުވާތީ ބިރު ނުގަނެވެނީއެވެ. ދުނިޔޭގައި މަރު ނުވެ ގިނަ ދުވަސްތަކަކު އުޅެވޭނެކަމުގެ ޔަޤީންކަން ބޮޑުވަނީއެވެ. އެގޮތުގައި ހުއްޓައި މަރު އައިސް ކުރިމަތިލަނީއެވެ.
ތިމާގެ ގައިގެ ކުލަ ކިތަންމެ ދޮންވެފައި ބުރުސޫރަ ކިތަންމެ ރީތިވެފައި ކިތަންމެ އަގުބޮޑު، ރީތިފޭރާމެއްލައި އަދި ކިތަންމެ އަގުބޮޑު ގަހަނާތައް އަޅައިގެންހުރި ނަމަވެސް ފަތިސް ނަމާދު ނުކުރާ މީހާގެ އެއްވެސް ރީތިކަމެއް ނެތެވެ! އެހެނީ ދުވަސް ފަށަން ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދު ނުކުރާނަމަ އެއީ ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިއެކެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެގެން ހުރި މީހެއްގެ ކިބައިގައި ހުންނާނީ ކޮން ރީތި ކަމެއް ހެއްޔެވެ؟ ހަޤީޤަތުގައި އެމީހަކީ ހަމަ ނަޖިހެއް ނޫންހެއްޔެވެ؟
މިހާލަތު ބަދަލުކުރަން އެބަޖެހެއެވެ. ދިރިއުޅުމުގެ ކަންކަން ކާމިޔާބުކުރަން އަޒުމް ކަނޑައަޅައި މަސައްކަތްކުރާ ފަދައިން އަޅުކަން ކުރަންވެސް އަޒުމް ކަނޑައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. އެޢާދަ ތިމާގެ ކިބައިގައި އަށަގަންނަވަން އެބަޖެހެއެވެ. އެމީހަކު ދަންނަ މީހުންނަސް އެމީހަކު ނިކަން ވިސްނައިބަލާށެވެ! ޙަޔާތުގެ ކަންކަން އެންމެ ކާމިޔާބު ކުރެވިފައި ހުންނާނީ އަޅުކަން ކުރުމުގައި ދެމިތިބޭ މީހުންނެވެ. އެމީހުން ކުރަން ޖެހޭ އެހެން ކަންކަމުގެ ކުރިއަށް އަޅުކަން ކުރުން ނެރެގެން އުޅޭ މީހުންނެވެ. އެހެން އެވަނީ ޤަވާއިދުން އަޅުކަން ކުރާނަމަ އެމީހެއްގެ ކިބައިގައި ހަރުދަނާ ސިފަތައް އަށަގަންނާތީއެވެ.
އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެހި އަޅުކަން ކުރުން އަށަގެންފި މީހެއްގެ އެހެން އަމަލުތައް ސީދާވާނެއެވެ. އެހެނީ އޭނާ ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއްގައި ތެދުވެރިވާނެތީއެވެ. އެ ސިފަ އަށަގަތުމުން އެހެން މީހުންގެ އިތުބާރު ލިބިގެންދާނެއެވެ. އެފަދަ މީހުންގެ ފިހާރަތަކުން ވިޔަފާރިކުރާ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެއެވެ. އެއީ އެފަދަ މީހެއްގެ ފިހާރައިގައި ހުންނާނީ ރަނގަޅު ފެންވަރުގެ މުދައު ކަމާއި ވިއްކާނީ ރަނގަޅު އަގުގައިކަން ޔަޤީން ކުރެވޭތީއެވެ.
ކޮންމެ މީހަކީވެސް ފިރިއުޅުމުގެ ކަންކަން ޙާޞިލުކުރަން އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާ ފަދައިން އަޅުކަން ކުރުމަށްވެސް އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާ މީހަކަށްވާށެވެ! އަމިއްލަ ދިރިއުޅުމުގެ މަޤްޞަދުތައް ޙާޞިލުކުރަން މަސައްކަތް ކުރުމުގެ ކުރިއަށް އަޅުކަންކުރުން އިސްކުރާށެވެ! ﷲ ތަޢާލާގެ މިންވަރުފުޅުން އެއިރުން ދެން ހުރި ހުރިހާ ކަމެއް މާބާރަށް ކުރިއަރައިގެންދާނެކަން ޔަޤީނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
23 ޖެނުއަރީ 2025