ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާއަށް ގޮސްދިނުމަށް މެންބަރކަށް 500،000 ޑޮލަރު ހުށަހެޅި ކަމަށާއި 10 މިލިއަން ދިނަސް ހަލާކުގެތެރެއަށް އެނބުރިދާނެ މެންބަރަކު މިހާރު ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު ވިދާޅުވީ އިދިކޮޅުގައި މިހާރު ތިބި ހުރިހާ މެންބަރުން ވެސް ތިބީ ވަރަށް ސާބިތުކަމާއިއެކުގައިކަން މިއަދު މިވަނީ ސާބިތުވެގެން ގޮސްފައި ކަމަށެވެ. އަދި އިދިކޮޅު މެންބަރުން ޒިންމާދާރުކަމާއިއެކު މަސައްކަތްކުރަމުން ގެންދަނީ ޤައުމުގެ ކަންކަންކަން އިޞްލާޙްކޮށް ސަރުކާރު ޤާނޫނުގެ މަގަށް ގެނައުމަށްކަންވެސް އެނގިގެން ހިނގައްޖެ ކަމަށެވެ.
އަމީތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވޯޓު ނެންގުވުމަކީ ވެސް ކުރި ކުށެއް ކަމަށެވެ. ވޯޓުގައި ބައިވެރިވެ ވޯޓު ދިނުމަކީވެސް ކުރި ކުށެއް ކަމަށެވެ. މިކަންކަމަކީ ފަހުގެ މަރުހަލާއެއްގައި ބެލެވޭނެ މައްސަލައެއް ކަމަށެވެ.
އަމިތު ވިދާޅުވީ ޤާނޫނުގެ އިމަށް އަނބުރައި ރުޖޫޢަވުމުގެ ފުރުޞަތު އަދިވެސް ސަރުކާރަށް އެބައޮތް ކަމަށާއި އެފުރުޞަތުގެ ބޭނުން ނުހިފާނަމަ ޤައުމުގެ އެއްވެސް ކަމެއް ޤާނޫނުގެ މަގުން ކުރިއަށް ނުދާނެ ކަމަށެވެ.