ފާއިތުވި 3 އަހަރަކީ، ރާއްޖޭގައި އިސްލާމްދީން ނަގަހައްޓައި ކުރިއެރުވުމުގެ ދާއިރާއިން ބޮޑެތި އަދި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ތާރީޚީ ދުވަސްވަރެއް ކަމަށާއި، މި ދާއިރާއިން މި ސަރުކާރުން ކުރި މަސައްކަތްތަކާ ގާތަކަށް ވެސް ކުރީގެ އެއްވެސް ސަރުކާރަކަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށް ހާމަވެއްޖެއެވެ. ފާއިތުވި މުއްދަތުގައި މި ދާއިރާއިން މީހުން ބިނާކުރުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ވަނީ ހިންގަވާފައެވެ.
ކީރިތި ޤުރުއާން މަތިވެރިކުރުމުގެ ގޮތުން ރާއްޖޭގެ ތާރީޚުގައި ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތްތައް ކުރެވިފައިވަނީ ވެސް މި ސަރުކާރުގައެވެ. މިގޮތުން ޙާފިޒުންނަށް ދެމުން އައި މަހު އިނާޔަތް 2,000 ރުފިޔާއިން 4,000 ރުފިޔާއަށް ދެގުނަ ކޮށްދެއްވާފައިވާއިރު، ރާއްޖޭގައި މިހާރު ތިބި ޙާފިޒުންގެ އަދަދު ވަނީ 314 އަށް އިތުރުވެފައެވެ. މީގެއިތުރުން ދައުލަތުގެ ޚަރަދުގައި ހިލޭ ޤުރުއާން ކްލާސްތައް މުޅި ރާއްޖެއަށް ހުޅުވާލައި، 30 އަށްވުރެ ގިނަ ރަށުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ވަނީ ޤާއިމުކޮށްފައެވެ. އަދި ޤައުމީ ޤުރުއާން މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ޚާއްޞަ ރިޔާސީ ސްކޮލަރޝިޕަކާއި 100,000 ރުފިޔާގެ ފައިސާގެ އިނާމު ތަޢާރަފުކޮށް، ޤައުމީ މަރުކަޒުގެ އައު ޢިމާރާތަށް ޚާއްޞަ ބިމެއްވެސް ވަނީ ހަމަޖައްސަވާފައެވެ.
އިސްލާމީ ބިނާތައް ތަރައްޤީކުރުމުގެ ދާއިރާއިން މުޅި ރާއްޖޭގައި 90 އަށްވުރެ ގިނަ ޢުމްރާނީ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި 12 އިސްލާމިކް މަރުކަޒެއްގެ މަސައްކަތުގައި ސޮއިކޮށް، އޭގެ ތެރެއިން 6 މަރުކަޒެއްގެ ޢަމަލީ މަސައްކަތް ފެށުމާއި، 6 އައު މިސްކިތް ހުޅުވުމުގެ އިތުރުން 41 މިސްކިތެއްގެ މަޝްރޫޢުގައި ސޮއިކޮށް 39 މިސްކިތެއްގެ މަސައްކަތް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުމާއި، 13 މިސްކިތެއް އޭސީކޮށް ނިންމުމުގެ އިތުރުން، އިސްލާމީ ކަންކަމަށް ދާއިމީ އާމްދަނީ ހޯދުމަށް މާލޭގެ 'ދާރުލްއަރްޤަމް' އާއި ހުޅުމާލޭގެ 'ދާރުއްސަލާމް' ހިމެނޭހެން ޖުމްލަ 7 ވަޤުފް ޢިމާރާތެއް އެޅުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.
ރަށްރަށުގައި ހުކުރު ޚުޠުބާ ކިޔާނެ ޚަޠީބުން ނެތުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް ފެށި "ޒުވާން ޚަޠީބުން" އަދި "މުދިމުން" ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ 5 ބުރު ކާމިޔާބުކަމާއެކު ނިންމައި، 700 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ސަނަދު ޙާޞިލުކޮށް ހުކުރު ކުރަން ފަށާފައެވެ. މީގެއިތުރުން "މޯލްޑިވްސް ޒަކާތު ހައުސް" އިފްތިތާޙުކޮށް، ޒަކާތު ފަންޑުގެ އެހީގައި 90 މީހަކަށް ސްކޮލަރޝިޕް ފުރުޞަތު ދީފައިވާއިރު، ތެލަސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓަށް އަހަރަކު 10 މިލިޔަން ރުފިޔާ ކަނޑައަޅައި މިހާތަނަށް 32 މީހަކަށް ވަނީ ފަރުވާގެ އެހީ ފޯރުކޮށްދީފައެވެ.
ޙައްޖާއި ޢުމްރާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ހުރިހާ ޙައްޖު ކޯޓާއެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް އެކަނި ދޫކުރާ ގޮތަށް ސިޔާސަތު ބަދަލުކޮށް، ފަޤީރުންގެ ދަފުތަރުގައި ހިމެނޭ 148 މީހަކު ދައުލަތުގެ ފުރިހަމަ ޚަރަދުގައި ވަނީ ޙައްޖުގެ މަތިވެރި އަޅުކަމަށް ފޮނުވާފައެވެ. އަދި މައްކާއާއި މަދީނާގެ ހޮޓާތަކާއި މިނާއާއި ޢަރަފާތުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން، މުޅި ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޤައުމީ މަޝްރޫޢުތަކާއި ބައިނަލްއަޤުވާމީ ދީނީ ފޯރަމްތައް ބާއްވައި ދަޢުވަތުގެ މައިދާން ވަނީ އިތުރަށް ފުޅާކޮށްފައެވެ.