އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ސުލައިމާން، ރައްޔިތުންގެ މަޖިލީހުން ގެންގޮސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ބަހައްޓާފައި ހުރި ނަމަވެސް އޭނާ އާއި ދެކޮޅަށް ދައުވާ ކުރައްވައި ކޯޓަށް ވައްދުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ވިދާޅުވެއްޖެއެވެ.
އަމިތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން ސުލައިމާން ވަނީ ޤާނޫނާއި ޚިލާފަށް ވަރަށް ގިނަ އަދި ބޮޑެތި ޖަރީމާތަކެއް ހިންގަވާފައިވާ ކަމަށާއި އެއިގެ ތެރެއިން އެންމެ ބޮޑު އެއް ޖަރީމާއަކީ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުން ކަމަށެވެ.
އަމިތު ވިދާޅުވީ އެފަދަ ބޮޑެތި ޖަރީމާތަކެއް ހިންގަވާފައިވާ ބޭފުޅަކު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ތަނެއްގެ މެންބަރަކަށް ޚާއްޞަކޮށް ވެރިއަކަށް ބެހެއްޓުމަކީ މުޅި ޤައުމުގެ އިންޓެގްރިޓީ ގެއްލިގެން ދާނެ ކަމެއް ކަމަށެވެ. އެހިސާބުން އެއްވެސް މުއައްސަސާއަކުން ކުރާ އެއްވެސް ކަމެއް އެ ޮކޮމިޝަނުން އިންސާފުވެރިކަމާއިއެކު ނުބަލާނެ ކަމަށެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ސުލައިމާންގެ ނަން ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވުމުން އެކަން މަޖިލީހުން ބަލައިގަނެ މިއަދު ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ. ކޮމިޓީ ބަހުސް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.