ރާއްޖޭގެ ރައްޔިތުން މިހާރު ކުރަމުން މިގެންދާ މަސައްކަތަކީ އޮޑި ފަރަށް އަރުވާލީމާ ކައްޕީގެ އަތުން އޮޑި އަތުލައި އޮޑި ސަލާމަތްކޮށް އޮޑި މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމުގެ މަސައްކަތް ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ އޮޑިވެރިން ކައްޕިއާއި އޮޑި ހަވާލުކުރީ ޤާނޫނުތަކެއް ފާސްކޮށް ޤާނޫނުތަކުގެ ތެރެއިން އޮޑި ދުއްވަން ކަމަށެވެ. ނަމަވެސް ޤާނޫނުތައް މުގުރާލުމަށްފަހު ކައްޕި ބޭނުންހައި ގޮތަކަށް އޮޑި ދުއްވަމުން ގޮސް މިހާރު ވަނީ އޮޑި ފަރަށް އަރުވާލައި އޮޑިއަށް ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށެވެ.
އަމިތު ވިދާޅުވީ އެހާލަތަށް ދިއުމުން އޮޑިވެރިން މިހާރު ބޭނުންވަނީ ކައްޕިއަތުން އޮޑި އަތުލައި އޮޑި ސަލާމަތްކޮށް ކުރަންޖެހޭ މަރާމާތުތަށްކޮށްގެން އޮޑި އަލުން ބާލައި ސަލާމަތްކަމާއިއެކު އަލުން އޮޑި ދުއްވަން ފަށަން ކަމަށެވެ.
އަމިތު ވިދާޅުވީ ރާއްޖެއަށް މީގެ ކުރިންވެސް ކާރިސާތަކާއި ބޮޑެތި މައްސަލަތައް ކުރިމަތިވި ކަމަށާއި އެއިން ކޮންމެ ހާލަތެއްގައިވެސް ޤައުމުގެ ވެރިން ކަންކަން ކުރައްވާފައިވަނީ ރާއްޖޭގައި ހުރި ޤާނޫނު ތަކުގެތެރެއިން ކަމަށެވެ. އެހެންކަމުން ހާލަތެއް ޤައުމަށް ކުރިމަތިވެއްޖެ ކަމަކަށް ބުނެ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފަށް ކަންކަން ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުއޮންނާނެ ކަމަށެވެ.
އަމިތު ވިދާޅުވީ ރާއްޖެއަށް އެއްވެސް ޚާއްޞަ ޙާލަތެއް ކުރިމަތިވެފައިވާ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި އެފަދަ ހާލަތެއް އޮތް ނަަމަވެސް އަމަލުކުރަންޖެހޭނެ އުޞޫލުތައް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އަމަލުކުރަންޖެހޭނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.