ދެކުނު ކޮރެޢާގެ ރައީސް ޕާކުގެ މައްޗަށް 24 އަހަރުގެ ޖަލު ޙުކުމް އިއްވީ މިއަދު ހެނދުނު ކަމަށާއި ބްރެޒިލްގެ ރައީސަށް 12 އަހަރުގެ ޖަލުހުކުމް ކަށަވަރުވީ އިއްޔެ ކަމަށާއި މިދެ ރައީސުންގެ މައްޗަށް ޖަލު ޙުކުމް އައިސްފައިވަނީ ފާއިތުވި ދެ ދުވަހު ފުލުފުލުގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި އަމިތު ވިދާޅުވީ މި 2 ރައީސުންގެ މައްޗަށްވެސް ޖަލު ޙުކުމް އިއްވީ ވެރިކަމުގައި ތިބެ ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ކަމަށާއި މިކަންކަމުން ވެސް އެނެގެނީ ޤާނޫނު އެންމެންނާއިވެސް އަރައިހަމަކުރާނެކަން ކަމަށެވެ.
އަމިތު ވިދާޅުވީ ރާއްޖެ ވެސް މިހާލަތުން އިސްތިސްނާ ނުވާނެ ކަމަށާއި ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގި އެންމެންނަށް ވެސް ޖެހޭނީ ޤާނޫނާއި ކުރިމަތިލާން ކަމަށެވެ.
ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ އަޖަލު ޖެހުމުން ފަނިފަކުސައެއް ނަމަވެސް ރަސްކަލެއް ނަމަވެސް ނިމިދާނީ ހަމަ އެއްގޮތަކަށް ކަމަށާއި ބައަކު ޤަބޫލުކުރަން ބޭނުންވި ނަމަވެސް ނުވި ނަމަވެސް ދުނިޔޭގައި ކަންކަން ހިނގަނީ ހަމަ މި އުޞޫލުން ކަމަށެވެ.