ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓަކަށްވެވަޑައިގަތުމަށް ޖޭޕީގެ ޕީޖީ ގްރޫޕުގެ މެންބަރު، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ފޯމް ހުށަހަޅުއްވައިފިއެވެ. ޢަލީ ޙުސައިން ފޯމް ހުށަހެޅުއްވީ މިއަދުއެވެ.
ރަނިންގ މޭޓަކަށް ވެވަޑައިގަތުމަށް މިހާތަނަށް ފޯމް ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ނައިބް ލީޑަރު ޢަބްދުﷲ އަމީން، އިސް ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ޙަސަން، ޕީޖީ މެންބަރު ފައިޞަލް ނަސީމް ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން މިހާރު އެ މަޤާމަށް ވާދަކުރައްވަން ހުށަހެޅުއްވި ބޭފުޅުންގެ އަދަދަކީ 4 އެވެ. ފޯމް ހުށަހެޅުމުގެ ފުރުޞަތު ޖޭޕީން ވަނީ 13 ވަނަ ދުވަހުގެ 4:00 އާއި ހަމައަށް ހުޅުވާލައިފައެވެ.
ރަނިންގ މޭޓަކު ކަނޑައަޅާނީ އެރޭ 9:00 ގައި ބާއްވާ ކައުންސިލް ބައްދަލުވުމެއްގައި ނަގާ ސިއްރުވޯޓަކުންނެވެ.