އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިޔަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިޔަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، މެންބަރުން ހުށަހެޅުއްވި 23 އިސްލާހަކަށް ރިއާޔަތްކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓު ފާސްކުރަން ވޯޓު ދެއްވީ 65 މެންބަރުންނެވެ. ބަޖެޓު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ. މިއީ މި ހިނގާ އަހަރަށް ފާސްކުރި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާ މަދު އަދަދެކެވެ.

ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުން، އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ. މިއީ މި އަހަރުގެ އާމްދަނީއަށް ވުރެ 1.4 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

މި ބަޖެޓު މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރިއިރު، މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އެކުލަވާލި ބަޖެޓު ދިރާސާކުރާ ކޮމިޓީން، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު ފާސްކުރީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ފޮނުވި ގޮތަށް ބަޖެޓު ފާސްކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ތާއީދު ކުރެއްވިއިރު، ކޮމިޓީން އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.

މިއަދު އޮންލައިން