ކުރިއަށް އޮތްތަނުގައި ވުޒާރާގެ ސިޔާސަތުތައް އެކުލަވާލާނީ ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހިމަނައިގެން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ބޭއްވުނު ކޮންފަރެންސްގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ވަޒަންކުރެވިގެންދިޔަ ކަމަށެވެ. އަދި ޒުވާނުންނަށް ދިމާވާ އެކި ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެވި، އެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވި މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ކޮންފަރެންސްގެ ތެރެއިން ޒުވާނުން ހުށަހެޅި ޚިޔާލުތަކާއި ކުރެވުނު މަޝްވަރާތަކަކީ ކުރިއަށް އޮތްތަނުގައި ވުޒާރާގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށެވެ.
"މިހުރިހާ މަޝްވަރާތަކުން ނުކުތް ނަތީޖާއަކީ އަޅުގަނޑުމެންގެ ވުޒާރާއިން ކުރިއަށް އޮތްތަނުގައި ޒުވާނުންނަށްޓަކައި އެކުލަވާލާ ސިޔާސާތުތަކުގެ އެންމެ މުހިންމު ބައި. އަޅުގަނޑުމެން ތިޔަ ހުށަހެޅުންތައް ކަރުދާހުގައި ބާއްވާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަމަލީގޮތުން މިކަންކަން ތަންފީޒުކުރަން،" ވަޒީރު ވިދާޅުވިއެވެ.