ކަނޑުގެ މައްސަލައިގެ ހުށަހެޅުންތައް ކުރިއަށް އޮތް ދެ ތިން މަސްތެރޭ ނިންމާލެވޭނެ: އޭޖީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކަނޑުގެ މައްސަލައިގެ ހުށަހެޅުންތައް ކުރިއަށް އޮތް ދެ ތިން މަސްތެރޭ ނިންމާލެވޭނެ: އޭޖީ

ރާއްޖޭގެ ކަނޑުގެ މައްސަލައިގައި ހުށަހަޅަންޖެހޭ ހުށަހެޅުންތައް ކަމާގުޅުންހުރި ފަރާތްތަކަށް ހުށަހަޅައި، ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ "ހަފްތާ 156" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ކަނޑުގެ މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ. އަދި މި މައްސަލައިގެ ތެރޭގައި ޚާއްޞަ ދެ ކަމެއް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ މައްސަލައާއި ފޯޅަވަހީގެ ސިޔާދަތީ މައްސަލައެވެ.

ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އޮތީ ވަރަށް ކުރިއަރާފައިވާ މަރުޙަލާއެއްގައި ކަމަށާއި، ފޯޅަވަހީގެ މައްސަލައިގައި ކުރަންޖެހޭ ދިރާސާތައް ވެސް ކުރިއަށްދާ ކަމަށް އޭޖީ ވިދާޅުވިއެވެ. "އެތަނުގެ ސިޔާދަތު ހޯދަން މަސައްކަތް ކުރިތޯ ރާއްޖެއިން ބަލަން ޖެހޭ. ކުރީގެ ލިޔެކިޔުންތައް އެބަ ދިރާސާކުރަން އެކި ޤައުމުތަކާ އާކައިވްގައި ހުރި ލިޔުންތައް،" ބަންޑާރަނައިބު ވިދާޅުވިއެވެ.

ފާއިތުވި 3 އަހަރުގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހުން ކުރި މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އުޝާމް ވިދާޅުވީ، މިއީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސް ގިނަ ކަންތައްތަކެއް ޙާޞިލްކުރެވުނު ދުވަސްވަރެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހެޅުމާއި، ސަރުކާރުގެ އެކި އިދާރާތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުމުގެ އިތުރުން، ބައިނަލްއަޤުވާމީ މުޢާހަދާތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

ސަރުކާރުގެ ޤާނޫނީ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން އޭޖީ ވިދާޅުވީ، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 90 ވަރަކަށް ބިލް ހުށަހެޅި ކަމަށެވެ. އަދި އޭގެ ތެރެއިން 70 އަށްވުރެ ގިނަ ބިލް މިހާރު މަޖިލީހުން ފާސްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުން ފާސްކުރި ބިލްތަކުގެ ތެރޭގައި ޤައުމުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ގެނައި މުހިންމު ބަދަލުތަކާއި، އިޤްތިޞާދު ސިންދަފާތުކުރުމަށް މަގުފަހިކުރާ ޤާނޫނުތަކުގެ އިތުރުން ލާމަރުކަޒީ ނިޒާމު އިޞްލާޙުކުރުމަށް ގެނައި ބަދަލުތައް ހިމެނޭކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން