ރާއްޖޭގެ އިޤްޠިޞާދީ ސިޔާސަތު ބައްޓަންކޮށްފައި މިހާރު އޮތީ ަވަކި ބައަކަށް އިޤްޠީޞާދީ ގޮތުން ކުރިއަރައިގެން ދެވޭ ގޮތަށް ކަމަށާއި މިހާރު ރާއްޖޭގައި އޮތް ވަކި ބައަކަށް ކުރިއަރައިގެން ގޮސް އަތް ނުފޯރާ ފަށަށް ދެވޭ އިޤްޠިޞާދީ ސިޔާސަތު ބަދަލުކުރަންޖެހޭ ކަމަށް ޖޭޕީގެ ޕީޖީ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން ވިދާޅުވީ ޤައުމު ކުރިއަރާނީ މެދުފަންތީގެ މީހުންނަށްވެސް އިޤްޠިޞާދީ ކުރިއެރުން ލިބޭނެ ނިޒާމަކަށް ސިޔާސަތުތައް ބައްޓަންކޮށްގެން ކަމަށެވެ. އިޤްޠިޞާދީ ގޮތުން ކުރިއަރައިގެން ދިއުމުގެ ފުރުޞަތު ހަމަހަމަ ގޮތެއްގައި ނުލިބި މެދުފަންތީގެ މީހުންނަށް ކުރިއެރުމުގެ ފުރުޞަތު ނުލިބޭނެ ކަމަށެވެ.
ޢަލީ ޙުސައިން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެސް ވެރިކަން ބަދަލުކުރަންޖެހެނީ މިފަދަ މުހިންމު ސަބަބުތައް ހުރުމުން ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމަކުން އެކަނި ނުފުދޭނެ ކަމަށާއި ޙާޞިލު ކުރަންޖެހޭ ލަނޑުދަނޑިތައް ޙާޞިލުކުރެވޭނީ އެކަމަށް ވިސްނުންތެރި ކަމާއިއެކު މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
"ގުޅިފައިވާ ކޯލިޝަނުގެ ރަނިންގ މޭޓަކަށް ކުރިމަތިލީ މިފަދަ މައްސަލަތައް ޙައްލުކޮށް ރައްޔިތުންނަށް ކުރިއެރުން ހޯދައިދީ ދިވެހި ރައްޔިތުންނަކީ އިޤްޠިޞާދީ ގޮތުން ކުރިއަށް ދިއުމަށް ހަމަހަމަ ފުރުޞަތުތައް ހުރިބައަކަށް ހަދަން މަސައްކަތް ކުރުމުގެ ބޭނުމުގައި" ކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.