މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ޕީޖީ މެންބަރު ފައިސަލް ނަސީމް ހޮވިވަޑައިގެންފިއެވެ.
ޖޭޕީގެ ޤައުމީ މަޖިލީހުގައި މިކަމަށްޓަކައި މިރޭ ނެގި ވޯޓުގައި -ފައިސަލް ނަސީމް މަޤާމް ކާމިޔާބު ކުރެއްވީ ވޯޓު ދެއްވި 41 މެންބަރުންގެ ތެރެއިން 15 މެންބަރުންގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އެންމެ ގާތުން ވާދަކުރެއްވި ޢަލީ ޙުސައިން ވަނީ 14 ވޯޓް ކާމިޔާބު ކުރައްވައިފައެވެ.
ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބުކުރެވިއްޖެނަމަ ނައިބްރައީސަކަށްވެވަޑައިގަންނަވާނީ ފައިސަލް ނަސީމްއެވެ.
ރަނިންގ މޭޓަކަށް ކުރިމަތިލައްވައި ވާދަކުރެއްވީ ޑރ. ޙުސައިން ރަޝީދު ހަސަން، ފައިޞަލް ނަސީމް، ޢަބްދުﷲ އަމީން އަދި ޢަލީ ޙުސައިން އެވެ.
ރަނިންމޭޓްކަމަށް ކުރިމަތިލެއްވުމަށް ކައުންސިލް މެންބަރު ޢައިޝަތު ނަހުލާގެ އަރިހުން ޖޭޕީގެ ގިނަ އަދަދެއްގެ މެންބަރުން އެދުނެވެ. ނަމަވެސް އެކަމަނާ ވަނީ އެ މަޤާމަށް ޝައުޤުވެރިކަން ނެތްކަން ހާމަކުރައްވައިފައެވެ.
ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ ވިންދާއިއެއްގޮތަށް ރަނިންމޭޓަކު ހަމަޖެއްސުމަށް ޖޭޕީގެ ކައުންސިލުގައި އެދިވަޑައިގެންފައެވެ.
ޖޭޕީން ރަނިންމޭޓަކަށް ކޮންމެ ބޭފުޅަކު ހަމަޖެއްސިނަމަވެސް އެކަން އަމިއްލަފުޅު ހައިޞިއްޔަތުންނާއި އެމްޑީޕީން ބަލައިގަންނާނަކަން ރައީސް މުޙައްމަދު ނަޝީދު ވަނީ ހާމަކުރައްވައިފައެވެ.