ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ބާއްވާ އައިޔޫއެމްގެ ބައިނަލްއަޤްވާމީ ރިސަރޗް ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަހީމް ވިދާޅުވީ ދެކުނު އޭސިއާގެ ސަރަހައްދަކީ ވަރަށް މުހިންމު ސަރަހައްދެއްކަމަށާއި މި ސަރަހައްދަކީ ތަފާތު ފިކުރުތަކާއި ދީންތައް ފެތުރިފައިވާ ސަރަހައްދެއްކަމަށް ވުމުން މިސަރަހައްދުގައި ޞޫލްޙަ ދެމެހެއްޓުމަށް، މިސަރަހައްދުގައި ދިރިއުޅޭ ތަފާތު ފިކުރުތަކުގެ މީހުންގެ މެދުގައި އެކުވެރިކަމާއި އަޚްވަންތަކަން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކޮށްފައިވާކަން ތާރީޚުން ފެންނަން އެބައޮތް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މިކަމުގައި މުސްލިމުން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ކަމަށާއި އެގޮތުން މިސަރަހައްދުގައި ސިލްމާއި ސަލާމަތްތެރިކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް މުސްލިމުން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ. އަދި މިސަރަހައްދުގެ ޤައުމުތަކުން އިސްލާމީ ޙަޟާރަތުގެ ވަރުގަދަ ނިޝާންތައް މިއަދުވެސް ފެންނަން އެބަހުރި ކަމަށެވެ.
"އިންސާނުން އުޅެންޖެހިފައި މިވަނީ ބަވަނަ ވެފައިވާ ދުނިޔެއެއްގަ. އެހެންކަމުން އެއްބައަކު އަނެއް ބައަކަށް އިޙްތިރާމްކޮށްގެން ނޫނީ ހަމަޖެހުމެއް ނުއަންނާނެ. އިސްލާމް ދީނަކީ އެހެން މީހުންނަށް އިޙްތިރާމްކުރުމުގެ ދީން. އެހެނިހެން ޘަޤާފަތްތަކުގެ އަހުލުވެރިންގެ އިންސާނީ ކަރާމާތް ހިމާޔަތްކޮށް ދަމަހައްޓާ ދީން. އެހެންކަމުން މުސްލިމުންގެ ކިބައިގައި ތަހައްމަލް ކުރުމުގެ މަތިވެރި ސިފަ ހުންނަން ޖެހޭނެ. ކަންކަން ޙައްލުކުރުމުގަ ކެތްތެރިކަން ކުރިއަށް ނެރެން ޖެހޭނެ.
އިންސާނުން އެކި ޤައުމުތަކުގައި ލައްވަވާފައިވަނީ އެއްބައަކު އަނެއް ބައަކަށް ތަޢާރަފްވުމަށްޓަކައި ކަމަށް ވިދާޅުވެ ކޮންމެ ޤައުމެއްގެ އަދި ކޮންމެ ފިކުރެއްގެ މީހެއް ނަމަވެސް އެހެން މީހުންނަށް އިޙްތިރާމްކޮށްގެން ދިރިއުޅުމުގެ މުހިންމުކަން ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.