ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބައިބައިވުން: ޖިހާދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބައިބައިވުން:  ޖިހާދު
ދުނިޔެއަށް އަދި އިސްލާމީ މުޖުތަމައުއަސްވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކެތްތެރިކަން ކުޑަވުމާއި ބައިބައިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި، އިސްލާމިކް އިންސްޓިޓިއުޓް ފޯ އިސްލާމިކް ތޯޓްސް ގުޅިގެން އިންތިޒާމްކޮށްގެން ބާއްވަވާ ތިންވަނަ އިސްލާމީ ހޭލުންތެރިކަމުގެ ބައިންލްއަޤްވާމީ މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި އެ ޔުނިވަރސިޓީގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ މިފަދަ މައްސަލަތައް އިތުރުވުމުގެ ސަބަބުން ޤައުމުތައް ދަނީ ފަނާވަމުން ކަމަށާއި އެތައް މިލިއަން ރައްޔިތުން މިހާރުވެސް ވަނީ މަރުވެފައި ކަމަށެވެ.

ޖިހާދު ވިދާޅުވީ އެއްބައިވަންތަކަމަކީ އިސްލާމީ އުއްމަތުގެ ކުރިއެރުމަށް މުހިންމުކަމެއް ކަމަށާއި އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ ނުރައްކާތަކުން އަރައިގަނެ، އިސްލާމީ އުއްމަތުގެ ކުރިއެރުމާއި ލާބައަށް ނުހަނު މުހިންމުކަމެއްކަމަށެވެ.

ޖިހާދު ވިދާޅުވީ މި އަހަރުގެ މަހާސިންތާގެ މައުޟޫޢުކަމަށްވާ "ޞުލްހައާއި، ހަމަޖެހުމާއި، ތަހައްމަލުކުރުން، ދެކެނު އޭޝިއާގައި ޤާއިމުކުރުމުގައި އިސްލާމީ ފިކުރާއި ޡަޤާފަތާއި ޙަޟާރަތުގެ ދައުރު"، މިއީ މުޅި އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ހެދުމައްޓަކައި މަޝްވަރާކުރަން އެންމެ ރަނގަޅު އެއް މައުޟޫޢުކަން ފާހަގަކުރައްވާ ކަމަށެވެ.

ޖިހާދު ވިދާޅުވީ އަދުގެ ދުނިޔޭގައި ދިމާވާ އެންމެ ނާޒުކު އެއް މައްސަލައަކީ ދޭދޭ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ތަހައްމަލުކުރުމުގެ ރިވެތި ސިފަ ނެތުމުގެ ސަބަބުން ދުނިޔޭގައި ޞުލްހަވެރިކަން ގެއްލި ހަމަނުޖެހުން އާންމުވެފައިވުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖެ މިހާރު ގުނަމުން މިދަނީ ޒަމާނީ ޑިމޮކްރަސީގެ ދުވަސްތަކެއް ކަމަށްވާއިރު މިއަދު މި ފެށޭ މަހާސިންތާގައި މަޝްވަރާކުރެވޭ މައުޟޫއަކީ ރާއްޖޭގެ މިހާރުގެ ހާލަތާ ވަރަށް ގުޅުން ހުރި މައުޟޫއެއްކަމުގައެވެ. މިގޮތުން، އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ޤާނޫނެއް ބިނާވެފައިވާނީ އިސްލާމީ އުޞޫލުތަކާއި އިސްލާމީ ޝަރީޢަތުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި މިކަން އެންމެންވެސް ހަނދާނުގައި ބަހައްޓަންޖެހޭކަމަށާއި، މިކަމުން ވެސް ދޭހަވަނީ ރާއްޖެއިން އިސްލާމް ދީނަށް އަހައްމިއްޔަތުކަން ދޭ މިންވަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ޖިހާދުގެ ވާހަކަފުޅުގައި ޒިންމާދާރުކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމަށާއި، ޚިޔާލުފާޅުކުރުމުގެ މަޤްޞަދަކީ އިޚްތިރާމްކޮށްގެން ކެތްތެރިކަމާއިއެކު އެކަކު އަނެކަކު ގުޅިގެން އުޅޭ މުޖުތަމަޢެއް ބިނާކުރުންކަން ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން