ޑައިވިން ރޮބޮޓުގެ އެހީގައި، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް

ކިޔުމަށް ހޭދަވާނީ 1މ 8ސ
ޑައިވިން ރޮބޮޓުގެ އެހީގައި، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް
ފާނަ މަސްވެރިކަން ކުރަން ނިކުމެ އުޅެނިކޮށް "ޓާރގެޓް" ނަމަކަށް ކިޔާ ދޯންޏަކުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިއަދު ވެސް ކުރަމުންދާ ކަމަށާއި އެގޮތުން އޭނާ ހޯދުމަށްޓަކައި ޑައިވިން ރޮބޮޓު ވެސް ބޭނުން ކުރަން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައިފިއެވެ.



މިދިޔަ ހުކުރު ދުވަހު އެދޯނިން ގެއްލިފައިވަނީ ފ. ބިލެތްދޫ އުތުރުގޭ، ޢަބްދުﷲ ނަސީރު (58އ.) އެވެ.

އެމްއެންޑީއެފް އިން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި ނަސީރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރަމުންދާއިރު އޭނާ ހޯދުމުގެ މަސައްކަތުގައި ޑައިވިން ރޮބޮޓު ވެސް ދަނީ ބޭނުން ކުރަމުންނެވެ.



މީގެއިތުރުން ވައިގެ މަގުން އެސަރަޙައްދުން ދަތުރު ކުރަމުންދާ އެއާޓެކްސީ ތަކުން ވެސް، ގެއްލުނު މީހާ ފެނޭތޯ ބަލައި ދިނުމަށް އެދިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.



ނަސީރު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސީޖީ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިގުރަށު ޑައިވިން ސްކޫލްގެ ޑައިވަރުންނާއި، މަހިބަދޫ ޕޮލިސް، ވިލަމެންދޫގެ ދެ ބޯޓަކާއި އަދި ލިލީ ބީޗުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާކަން އެމްއެންޑިއެފް އިން ވަނީ ފާހަގަ ކޮށްފައެވެ.

ގެއްލުނު މީހާ ހޯދުމުގައި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން، ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ.
މިއަދު އޮންލައިން