ޤާނޫނަށް ކިތަންމެ ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް ﷲގެ މިންވަރުފުޅު ބަދަލެއް ނުކުރެވޭނެ: ޑރ. ޖަމީލް
ޤާނޫނުތަކަށް ކިތަންމެ ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް ﷲ ތަޢާލާގެ މިންވަރުފުޅު ބަދަލެއް ނުކުރެވޭނެ ކަމަށާއި ކޮންމެ ކަމެއް ވެސް ނިމިގެންދާނީ ﷲ ތަޢާލާ އެކަމަކަށް މިންވަރުފުޅު ކުރައްވަވާ ގޮތަށް ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ވިދާޅުވީ ފިރުއައުނު، އޭނާގެ ވެރިކަން ގެއްލިދާނކަމުގެ ބިރަށް ޤައުމުގައި އުފަންވާ ފިރިހެންކުދިން މަރަމުން ގެންދިއަ ކަމަށާއި ނަމަވެސް މުސާގެފާނު އުފަންވެވަޑައިގަތމާއި ބޮޑުފުޅުވުން ނުހުއްޓުވުނު ކަމަށެވެ.
ޑރ. ޖަމީލް މިމޭރުމުން ވިދާޅުވީ ރިޔާސީ އިންތިޚާބު އައިސް ޖެހިފައިވަނިކޮށް ޤާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެންނަމުންދާތީ އެކަން ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޑރ. ޖަމީލް ރޭ ވިދާޅުވީ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު ނެތް ޖަލްސާތަކުގައި ފާސްކުރަމުން ގެންދާ ކަންކަން ފާސްކުރަމުން ގެންދަނީވެސް ޤާނޫނުތަކުން ބޭރުން ކަމަށެވެ.
ﷲ ތަޢާލާ އެކަން އެގޮތަށް މިންވަރުފުޅު ކުރެއްވެވުމުން މުސާގެފާނު ބޮޑުފުޅުވެވަޑައިގަތީވެސް ފިރުއައުނުގެ ގަނޑުވަރުގައެވެ. ފިރުއައުނުގެ މުއްސަނދިކަމުން ޚިދުމަތްތައް ލިބިވަޑައިގަންނަވަމުންނެވެ.
އަނިޔާވެރި ވެރިން، އެމީހުންގެ ވެރިކަން ދިފާއުކުރަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ﷲ މިންވަރުފުޅު ކުރެއްވެވުމުން ވެރިކަން ބަދަލުވެގެންދާނެކަމުގެ މިސާލު ދެއްކެވުމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ މޫސާގެފާނުގެ ސިޔަރަތުން މިސާލު ދައްކަވަމުންނެވެ.