މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ ބަސް ޓަރމިނަލެއް ހަދަން ފަށައިފިއެވެ. މިޓަރމިނަލަކީ އަންނަ އޯގަސްޓް މަހު ބްރިޖު ހުޅުވުމުން މާލެއާއި ހުޅުލެ އަދި ހުޅުމާލެއަށް ބަސް ދަތުރުގެ ޚިދުމަތް ދިނުމުގެ ގޮތުން އަޅަން ފަށާ ބަސް ޓަރމިނަލެކެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޕީއެލް ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ ޓަރމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.
"އަންނަ މަހުގެ މެދުތެރެއަށް ވަގުތީ ޓާރމިނަލްގެ މަސައްކަތް ނިންމާލެވޭނެ. ބްރިޖު ހުޅުވާއިރު އިންޝާ ﷲ ބަސް ދަތުރާ އެއްކޮށް ޓާރމިނަލްގެ ޚިދުމަތް ދެވޭނެ" އޮފިޝަލު ވިދާޅުވިއެވެ.
މީގެއިތުރުން އެމްޕީއެލް އިން ބުނެފައިވަނީ ބަހުގެ ޚިދުމަތް ފަށައިގަންނައިރު ކަރުދާސް ޓިކެޓުގެ ބަދަލުގައި އިލެކްޓްރޯނިކް "ޓަޗް އެންޑް ގޯ" ކާޑެއް ތަޢާރަފް ކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެޚިދުމަތް ދޭން ދާއިމީ ބަސް ޓާރމިނަލް ހަދަން ނިިންމާފައިވަނީ މާލޭގެ ތައިސޭ ކޮށީގައި ކަމަށެވެ.