ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖޭގެ ބައެއް އިސް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެޖެންޑާ ކުރި ނަމަވެސް، އެފިޔަވަޅުތައް އެޅިޔަ ނުދޭން ކުރެވެނުހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރާއްޖޭގެ އިސް ބައެއް ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން އެޖެންޑާ ކޮށްފައިވަނީ މާދަމާ އެވެ. މިއެޖެންޑާގައިވާ ގޮތުން ފިޔަވަޅު އަޅާނީ އިންސާނީ ޙައްޤުތަކަށް އަރައިގަނެ، ޤާނޫނު ނެގެހެއްޓުމަށް ހުރަސް އަޅާ މީހުންނާ މެދުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖެއާއިމެދު ފިޔަވަޅު އެޅިޔަ ނުދިނުމަށް ދިވެހި ސަރުކާއުން ޔޫރަޕްގެ ޤައުމުތަކުގެ މަންދޫބުންނާ މަޝްވަރާ ކޮށްގެން މަސައްކަތް ކުރާނީ، އީޔޫގެ ނިންމުން ބާރު ނެތް އެއްޗެއްގެ ގޮތުގައި ހެދުމަށް ކަމަށް ސަރުކާރުގެ އޮފިޝަލަކު މައުލޫމާތު ދެއްވާފައިވެއެވެ.