ފުވައްމުލަކު ސިޓީ، ހުވަނދަގެ މާލެގަން ޢަބްދުﷲ އެއްކޮށް ރީނދޫ ކިޓުގައި ދިޔުމުން އެރަށުގައި ތިބި ޕީޕީއެމް ސަޕޯޓަރުން ހިންގާ “RY 2018 FVM” ވައިބާ ގްރޫޕުގައި ވަނީ ޢަބްދުﷲ އާއި ދިމާލަށް ހަޖޫ ޖަހާފައެވެ. އެގްރޫޕުގައި ދައްކާފައި ހުރި ބައެއް ވާހަކަތަކުގެ ސްކްރީންޝޮޓެއް ހަލުވިކަމާއެކު ސޯޝަލް މީޑިއާ ދައުރުވަމުން އެބަދެއެވެ.
އާންމުވެފައިވާ މެސެޖުތަކުން ހާމަވާ ގޮތުގައި "ޝަނީޒް" ކިޔާ މީހަކު ބުނެފައިވަނީ އެމްޑީޕީން ވަނީ (ދޮށީ އުމުރުގެ) ބޭފުޅުންގެ ބޯ ކާލާފައި ކަމަށާއި އެޕާޓީއަކީ އެކަހަލަ ޖަރީމާ ހިންގާ ބައެއް ކަމަށް ބުނެ މުސްކުޅިންނަށް އިޚްތިރާމް ކުރުމަށް އެދިފައެވެ.
ޝަނީޒް ގެ އެވާހަކަތަކާ ގުޅިގެން "ނަޖީބު" ގެ ނަމުގައި މެސެޖު ކުރި މީހަކު ބުނެފައިވަނީ "މުސްކުޅިންނަށް އިޚްތިރާމް ކުރާ ކަމަށާއި އެކަމަކު ޖާހިލުންނަށް އިޚްތިރާމް ނުކުރާ" ކަމަށް ބުނެފައެވެ.
އޭގެފަހުން ޢަބްދުﷲ އަށް އިތުރަށް މުޚާތަބް ކުރަމުން "ނަޖީބު" ވަނީ "މިމުސްކުޅި ކުއްތާ ޔާމީން ދެއްވާ 5000 ރުފިޔާ ކާލާއިރު ހިތަށް އެއްވެސް އެއްޗެއް ނާރަނީތޯ" ބުނެ ސުވާލު ކޮށްފައެވެ.
"ނަޖީބު" އެސުވާލު ކުރިއިރު އެގްރޫޕުގައި ޢަބްދުﷲ ގެ ދަރިންވެސް ތިއްބެވެ. ސޯޝަލް މީޑިއާގައި އެވާހަތަކުގެ ސްކްރީންޝޮޓް ހާމަކުރީ އެދަރިންނެވެ.
ޢަބްދުﷲ އަށް އެފަދައިން ފުރައްސާރަކޮށް ބޭއިޚްތިރާމް ކުރުމުން އެކަމާ ނުރުހުން ފާޅުކޮށް އޭނާގެ ދަރިއެއް ކަމަށްވާ ޙަސަން ޢަބްދުﷲ ބުނެފައިވަނީ "ކުއްތާއެއް ކަމަށް ސިފަ ކުރި މީހާގެ ގެއަށް ޕީޕީއެމް މީހުން ވޯޓު ހޯދަން އައިސްގެން ނުވާނެ" ކަމަށެވެ.