ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމާ ގުޅިފައިވަނީ ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމާއި ކައުންސިލްގެ ނައިބު ރައީސް ހަސަން އަޝްރްފްއެވެ.
މިދެ ކައުންސިލަރުން ހަންޏާމީދޫ ކައުންސިލަށް އިންތިހާބުވެފައިވަނީ އަމިއްލަ ގޮތުންނެވެ.
ދެ ބޭފުޅުން ޕީޕީއެމަށް ސޮއިކުރެއްވި ފޯމް ހަވާލު ކުރެއްވީ އެ ޕާޓީގެ ދެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގައި ދެ ކައުންސިލަރުންގެ އިތުރުން ހަންޏާމީދޫއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ ޕީޕީއެމް އަށް ސޮއި ކޮށްފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދެ ކައުންސިލަރުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚްރެއް ކަމަށެވެ. އަދި ޒަމީރު ވިދާޅުވީ ދެ ކައުންސިލަރުން ޕީޕީއެމާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.