ރަނިންގ މޭޓް ހޮވާ ނިންމައިފި- އެންމެން ބަލައިގަނެފި- މިހާރު މިއުފައްދަނީ ކޮން ފިތުނައެއް؟
ކޮންމެ އިންތިޚާބެއް ބޭއްވި ނަމަވެސް ބައެއްގެ މެދުގައި ގިނަ ބައަކު ވާދަކުރާނަމަ ކެންޕޭނުކުރާނެއެވެ. އެންމެންގެ ވެސް ސަޕޯޓަރުން ތިބޭނެއެވެ. ކުރިމަތިލުމާއި އެމީހަކު ތާއީދުކުރާ މީހަކަށް ކެންޕޭނު ކުރުމަކީ އެންމެންނަށް ލިބިފައިވާ ޙައްޤެކެވެ. އެއީ ޑިމޮކްރަސީގެ ތެރެއިން ލިބިދޭ އެންމެ ބޮޑު އެއް ޙައްޤެވެ.
ކޯލިޝަނުގެ ރަނިން މޭޓް ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން ކުރިމަތިލި 4 ކެންޑިޑޭޓުންނަށްވެސް ކެންޕޭނުކުރިއެވެ. ވަރަށް މިނިވަންކަމމާއިއެކު ކެންޕޭނު ކުރިއަށް ގެންދިއައެވެ. ސަޕޯޓަރުން ގިނަ ކެންޑިޑޭޓުންނަށް ގިނަ ބައަކު ސަޕޯޓްކޮށް ކެންޕޭނުކުރިއެވެ.
ރަނިންމޭޓް ކަނޑައެޅުމުގެ ފުރުޞަތު ލިބުނީ ޖޭޕީއަށެވެ. ޖޭޕީން ވަނީ ރާއްޖޭގައި މިހައިތަނަށް ބޭއްވި އެންމެ ބޮޑަށް ހުރިހާ ކަންކަން ހާމަކޮށްގެން މީޑިއާތަކުގެ ކުރިމަތީގައި ލައިވްކޮށްގެން ކުރިއަށް ގެންދިއަ އިންތިޚާބު ބާއްވައި އެޕާޓީގެ ޤަވާއިދުތަކާއި އެއްގޮތަށް ރަނިންމޭޓް ހޮވައިފައެވެ.
ރަނިންމޭޓް ކަން އެންމެ ވޯޓެއް އިތުރަށް ހޯއްދަވައިގެން ނަމަވެސް ފައިސަލް ނަސީމް ކާމިޔާބުކުރެއްވުމުން ވާދަކުރި އެންމެންނާއި ވާދަނުކުރާ މީހުން ވެސް ވަނީ ފައިސަލް ނަސީމަށް މަރުހަބާ ކިޔައިފައެވެ. ކޯލިޝަނުގައިި ހިމެނޭ 3 ޕާޓީންވެސް ވަނީ މަރުޙަބާ ކިޔައިފައެވެ. ޖޭޕީގެ ބާނީ އާއި ކޯލިޝަނުގައި ދެން ތިބި 3 ޕާޓީގެ ލީޑަރުންވެސް ވަނީ ފައިސަލް ނަސީމް ބަލައިގެން މަރުހަބާ ކިޔައިފައެވެ.
އެހެންކަމުން އެބާބު މިހާރު މިވަނީ ބަންދުކުރެވިފައެވެ. ނިމިފައެވެ. އެހެންކަމަށްވާއިރު މިހާރު ފާޑުކިޔައި ރަނިންމޭޓަށް ބަހުގެ ހަމަލާތައް ދެމުން ގެންދަނީ ފިތުނަވެރިންނެވެ. ކޯލިޝަނުގެ ތެރޭގައިވެސް ފިތުނަ އުފައްދަން ބޭނުންވާ މީހުންނެވެ. އަމްދުން ޑިމޮކްރަސީ ނުވެސް ދަންނަ މީހުންނެވެ.
ކޮންމެ ބައެއްގެ ތެރޭގައިވެސް ފިތުނަވެރިން ތިބޭނެއެވެ. އެއީ ދުނިޔޭގެ އާދައެކެވެ. ދިވެހިބަހުން އެފަަދ މީހުންނަށް ކިޔައި އުޅެނީ ހަޖަމު ނުކުރެވޭ މީހުންނެވެ. ކޮންމެ ކަމެއްވެސް ތިމާ އެދޭ ގޮތަށް ނިމެންޖެހޭނެ ކަމަށް ޤަބޫލުކުރާ އަމިއްލަ އެދުމުން ފުރިގެންވާ މީހުންނެވެ.
ފައިސަލް އާއި އެންމެ ގާތުން ވާދަކުރެއްވީ ޢަލީ ޙުސައިންއެވެ. ފައިސަލް އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެންމެ އަރިހުގައި ހުންނެވީ ޢަލީ ޙުސައިންއެވެ. ޢަލީ ހުސައިން ވަނީ ފައިޞަލާއިއެކު ސާބިތުވެ ހުންނަވާނެކަމުގެ ޔަޤީންކަން މީޑިއާތަކުގެ ކުރިމަތީގައި ވަގުތުން ދެއްވައިފައެވެ.
ޖޭޕީން ބާއްވާ އިންތިޚާބެއް ފައިސަލް ކާމިޔާބު ކުރެއްވުމަކީ ސުވާލު އުފެދެންޖެހޭ ކަމެއް ނޫނެވެ. ފައިސަލަކީ ޖޭޕީ އުފެދުނީންސުރެ ދެގޮތެއް ނުވެ ސާބިތުކަމާއިއެކު ޖޭޕީގައި ދެމިހުންނެވި ބޭފުޅެކެވެ. ހަމައެއާއިއެކު ޢަލީ ޙުސައިން ބަލިވީ އެންމެ ވޯޓަކުން ކަމަށްވުމުން ފާއިތުވި ކުރު މުއްދަތުގައިވެސް ޢަލީ ޙުސައިން ޕާޓީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް މެންބަރުން ބަލައިގަންނަކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެންދެއެވެ.
އެހެންކަމަށްވާއިރު މިކަމުގައި ބައަކު ކަންބޮޑުވެ ފިތުނަ އުފައްދަންޖެހެންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.