ރާއްޖެއަކީ 100% މުސްލިމް ޤައުމެއްގެ ގޮތުގަ ދަހަމައްޓަން ނުރުހޭ މީހުން ރަނގަޅުވާނީ އެހެން ޤައުމެއްގެ ރައްޔިތަކަށްވުން: ޑރ. އިޔާޟް
ދިވެހި ރާއްޖެއަކީ 100 އިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދަހަމައްޓަން ނުރުހޭ މީހުން ރަނގަޅުވާނީ އެހެން ޤައުމެއްގެ ރައްޔިތަކަށްވުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިއަދު ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ އަލިކަން ފެނުމަށްފަހު ހުރިހާ ދިވެހިންނަކީވެސް މުސްލިމުންގެ ގޮތުގައި ތިބި ބައއް ކަމަށާއި ފަހަކަށް އައިސް ބައެއް ނުރަނގަޅު އޮއިވަރުތަކުގައި ޖެހިގެން ބައަކު މީހުން އިސްލާމް ދީން ދޫކޮށްލާފައިވީނަމަވެސް ދިވެހިންގެ ގިނަ މީހުންނަކީ މުސްލިމުން ކަމަށެވެ.
ޑރ. އިޔާޟް ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން މުސްލިމުން ނޫން މީހުންނަކީ އަތްތިލައިގެ އިނގިލިތަކުން ގުނައިލެވޭހައި މަދުބައެއްކަމަށްވާއިރު މި ކުޑަކުޑަ ދިވެހިރާއްޖެއަށް އިސްލާމް ދީން ނޫން ދީންތަކެއް ގެނެސް އެފަދަ ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަން ހަދައި ހެދުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޑރ. އިޔާޟް ވިދާޅުވީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް 100 އިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ގެނެސްދެއްވާފައިވާ މިބޮޑު އަމާނާތް އަންނަން އޮތް ޖީލުތަކަށްވެސް އެގޮތުގައި ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން ޤާނޫނު އަސާސީގައި ދިވެއްސަކަށް ވެވޭނީ އިސްލާމަކަށް ވެގެންކަމަށް އޮތުން އެއީ ލާޒިމު ކަމެއް ކަމަށާއި އެގޮތް ނުރުހޭ މީހުން، އެމީހުންނަށް ޚަރަދުކޮށްދޭ ޖަމާއަތްތަކުގެ އެހީގައި އެހެން ޤައުމެއްގެ ރައްޔިތަކަށް ވެވިދާނެކަމަށެވެ. އަދި މިކުޑަކުޑަ ދިވެހިރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ފުނޑާލަން ރާއްޖެއަށް އަންނާނެ ކަމެއް ނެތް ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.