މިއަހަރުގެ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް، ވޯޓު ފޮށިތައް ބަހައްޓާ ތަންތަން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގަ އާއި ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއުލާން ކޮށްފިއެވެ.
އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ހަތް ރިސޯޓެއްގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ބައެއް ރަށްރަށާއި، ޖަލުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ފަސް ވޯޓު ފޮށްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަނީ އއ. ކުރަމަތި އައިލެންޑް ރިސޯޓާއި، އދ. ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓާއި، އދ. ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ކ. ބަނޑޮސް މޯލްޑިވްސް އާއި ކ. ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި ލ. ކުރެއްދޫ އައިލެންޑް ރިސޯޓު އަދި ނ. ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް ރިސޯޓުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވަނީ މިރިސޯޓުތަކުގައި ވެސް ވޯޓު ފޮށި ބެހެއްޓޭނީ ރަށްވެހި ވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރެޖިސްޓްރީވުމަށް އެކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައއި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 250 މީހުން ރެޖިސްޓްރީ ވެފައިވާނަމަ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމް ގައި އެއް ފޮށި، ޝްރިލަންކާގެ ކޮލޮމްބޯގައި ދެ ފޮށި، މެލޭޝިއާގެ ކުއަލަލަމްޕޫރްގައި އެއް ފޮށި އަދި އިންގިރޭސިވިލާތުގެ ކަންޑަން ގައި އެއް ފޮށްޓެވެ.