ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިއަހަރުގެ ފެބްރުއަރީ މަހު އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމި ނިންމުން، ބަތިލު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިހަފްތާގެ ބުރާސްފަތި ދުވަހު އިއްވުމަށް ހަމަޖައްސައިފިއެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު އެކޯޓުން ކުރި ހުކުމް ބާތިލު ކުރާ ކަމަށާއި އެހުކުމުގެ ދަށުން 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ކަމުގައި ވިޔަސް އެހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެއަމުރުގެ 12 މެމްބަރުންގެ ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މިމަހުގެ ކުރީކޮޅެވެ. އަދި މިމައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.