ކޮންމެ ގައުމެއްގައިވެސް ޑިމޮކްރަސީ އޮންނަންވާނީ އެޤައުމެއްގެ މަސްލަހަތާ އެއްގޮތައްކަމަށާއި، އެގޮތުން ރާއްޖޭގައި އޮންނަންވާނީ ދިވެހި ވެއްޓާގުޅޭ އިސްލާމީ ފިކުރުގެ ޑިމޮކްރަސީއެއްކަމުގައި ރާއްޖޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި އިސްލާމްދީނާ ތަޢާރުޒުވާ، މުޅި ރައްޔިތުންގެ ޙައްޤު ގެއްލޭ ކަންކަން ހުއްދަނުވާނެކަމަށާއި، އަބަދުވެސް ވިސްނަންވާނީ މުޅި މުޖުތަމަޢުގެ މަސްލަހަތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު ހޯރަފުށީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންނާ އެމަނިކުފާނާ ދޭތެރޭގައި އޮތް ގުޅުމަކީ ރައްޔިތުން އުންމީދުކުރާ ހުވަފެން ދެކުމަށްފަހު އެ ހުވަފެން ހަޤީޤަތަކަށް ހަދައިދިނުމަށް އެމަނިކުފާނު އަރިހުގައި ދެންނެވުމުން އެކަމެއް ކޮށްދެއްވާ އުސޫލުން އޮންނަ ގުޅުމެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ ތަރައްޤީ ގެނައުމުގައި އެމަނިކުފާނަށް އިތުބާރުކުރެއްވުމަށް ވެސް ރައްޔިތުންގެ ކިބައިން އެދިވެޑައިގެންނެވިއެވެ.