މީމިސް އާއި ގުޅުންހުރި މުހިއްމު ޓްރެއިނިންގއެއް ކުރިއަށް ދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 37ސ
މީމިސް އާއި ގުޅުންހުރި މުހިއްމު ޓްރެއިނިންގއެއް ކުރިއަށް ދަނީ
މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމަންޓް އިންފޯރމޭޝަން ސިސްޓަމްސް (މީމިސް) ގެ އިތުރު ތަމްރީން ޕްރޮގްރާމެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.

މީމިސް "އަޕްގްރޭޑް ކޮށް މި ސިސްޓަމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް އެންމެ ބޭނުންތެރި ގޮތަކަށް ފަރުމާކުރެވި ބައްޓަންކުރެވިފައިވާ ސިސްޓަމަކަށް ހެދުމަށްޓަކައި، ބޭނުންވާ ތަމްރީނާއި ތަޖުރިބާ، މީމިސްގެ އެންމެހާ މަސައްކަތްތައް، ސެންޓްރަލް ލެވެލެއްގައި މެނޭޖްކޮށް އެމަސައްކަތްތައް އިސްވެ ކުރަމުންދާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކޯރ އެޑްމިނިސްޓްރޭޓިވް ޓީމަށް ހޯދާދިނުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މި ތަމްރީންތައް ކުރިއަށްދަނީ އޯޕެންއީމިސްގެ މަސައްކަތްތައް ދުނިޔޭގެ އެކިގައުމުތަކުގައި އެންމެ ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ކުންފުޏެއް ކަމަށްވާ ކޮމިއުނިޓީ ސިސްޓަމް ފައުންޑޭޝަން – ސީ އެސް އެފް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެންނެވެ.

ތަޢުލީމީ ދާއިރާގެ އެންމެހާ މަޢުލޫމާތުތައް، އެސިސްޓަމެއް މެދުވެރިކޮށް މިހަރު ބެލެހެއްޓި، އެ މަޢުލޫމާތުތައް ތަޢުލީމީ އެންމެހާ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ، މީމިސް، އަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެންމެ ބޭނުންވާނޭ ފަދަ ގޮތަކަށް މަޢުލޫމާތުތައް ރައްކާކުރެވި، އެ މަޢުލޫމާތުތައް ބޭނުންކުރެވިގެންދާ ސިސްޓަމަކަށް ހެދުމަށްޓަކައި، މެދުކެނޑުމެއްނެތި މިސިސްޓަމް އަޕްގްރޭޑް ކުރެވި، ބަދަލުތައް ގެނެވެމުންދާ ސިސްޓަމަކަށް ވާންޖެހެއެވެ.

އަދި މިގޮތުން މީމިސްއަށް އަލަށް އިތުރުކުރެވޭ ބައިތަކާއި ގެނެވޭ ކޮންމެ ބަދަލަކަށް، މީމިސްގެ އެންމެހާ މަސައްކަތްތައް ސެންޓްރަލް ލެވެލެއްގައި ތިއްބަވައިގެން މެނޭޖްކުރައްވަމުން ގެންދަވާ ޓީމްގެ އެންމެހާމެންބަރުން އަހުލުވެރިކުރުވައި ތަމްރީން ކުރުމަކީ ކުރުން ނުހަނު މުހިއްމު ކަމަކަށްވާތީ، މި ފަހަރު ކުރިއަށް ގެންދެވޭ ޓްރެނިނިންގ ޕްރޮގްރާމް އަމާޒު ކުރެވިފައިމިވަނީ ކޯރޓީމްގެ މެމްބަރުން އިތުރަށް ތަމްރީން ކުރުމަށެވެ.

ރާއްޖެއަކީ މިހާރުވެސް އޯޕެންއީމިސް އެންމެ ފުޅާ ދާއިރާއެއްގައި ތާއުލީމީ ދާއިރާގެ އެންމެހާ މަސައްކަތްތަކުގައި ބޭނުންކުރަމުންދާ އެއްގައުމެވެ. މި މަސައްކަތްތައް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާ ބަދަލުތައް މި ސިސްޓަމަށް ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.

3 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްގައި މީމިސް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އުފައްދާފައިވާ ކޯރޓީމާއި، މީމިސްގެ ފޯކަލްޕޮއިންޓުންގެ ގޮތުގައި އަތޮޅު ތެރޭގައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކާއި، މިނިސްޓްރީގެ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތްކުރައްވާ ކަމާގުޅޭ މުއައްޒަފުން ބައިވެރިވެއެވެ.

މީމިސް ބޭނުންކޮށްގެން ތަޢުލީމީ ދާއިރާގައި ކުރެވެމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ޓަރމްގެ ރިޕޯޓްކާޑުތައް މީމިސް ބޭނުންކޮށްގެން ތައްޔާރު ކުރުން ވެގެންދިއައީ ފާހަގަކޮށްލަންޖެހޭފަދަ ކާމިޔާބީއަކަށެވެ. މިއެގޮތުން މީމިސްގެ ތެރެއިން ދަރިވަރުންގެ ރިޕޯޓް ކާޑުތައް ކާމިޔާބު ކަމާއެކު ތައްޔާރުކުރެވުނު ފުރަތަމަ ގައުމުގެ ގޮތުގައި ދިވެހިރާއްޖެވަނީ ވެގެން ގޮސްފައެވެ. މި މިސިސްޓަމްގެ ތެރެއިން ފުރަތަމަ ޓަރމްގެ ސްކޫލްތަކުގައި ދަރިވަރުންގެ ރިޕޯޓްކާޑު ތައްޔާރު ކުރެވުނީ ގްރޭޑް 1 އިން 6 އަށެވެ. އެއީ ގާތްގަނޑަކަށް 40 ހާހަށްވުރެ ގިނަ ކުދިންގެ ރިޕޯޓް ކާޑެވެ.
މީމިސް މެދުވެރިކޮށް ތަޢުލީމީ ދާއިރާއިން މިހާރު އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މީމިސް މެދުވެރިކޮށް ދަރިވަރުންގެ ހާޒިރީ ރިކޯޑްތައް ބަލަހައްޓައި، ހާޒިރީއާއިމެދު މި ރިކޯޑްތަކަށް ބަރޯސާވެ އެކި ފިޔަވަޅުތައް އަޅަން ފެށުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސްކޫލްތަކަށް ހާޒިރު ނުވާ ކުދިންގެ ނިސްބަތް 70 އިންސައްތަ ހުރި ސްކޫލްތަކުން މިހާރު އެ ނިސްބަތް 30 އިންސައްތައަށް ވަނީ ދަށްކުރެވިގެން ދިއުމެވެ.

ސްކޫލްތަކަށް ހާޒިރުވާ ކުދިންގެ މަޢުލޫމާތު ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް މީމިސް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ބަލާލެވެއެވެ. އަދި ސްކޫލަށް ހާޒިރުނުވާ މައްސަލަ އުޅޭ ސްކޫލްތަކުން އެ މައްސަލަ ހައްލުކުރުމަށް އެކި ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކާއި އެމަސައްކަތުގައި ޒިންމާވާނެ ފަރާތްތައްވެސް ކަނޑައަޅާފައިވެއެވެ. އެހެން ކަމުން ހާޒިރުނުވާ ކުއްޖަކު ހުރި ނަމަ ދުވަހުން ދުވަހަށް އެކަން ބަލައި ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅިގެންދެއެވެ.

މިހާރު ކުރިއަށްމިގެންދާ ތަމްރީން ޕްރޮގްރާމްގެ އެހީގައި މީމިސް ބޭނުންކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، މި މަސައްކަތުގައި އުޅުއްވާ ފަރާތްތަށް މީމިސްގެ އާ ފީޗަރތަކަށް އިތުރަށް އަހުލުވެރިވެގެންދާނެއެވެ.

މީމިސްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ގިނަ ތަމްރީންތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މި ގޮތުން ރާއްޖޭގެ އެންމެހާ އަތޮޅުތަކުގައި މީމިސްގެ ފޯކަލްގެ ގޮތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް 03 ބުރެއްގެ މަތިން މީމިސްގެ ތަމްރީންތައް ކުރިއަށް ގެންދެވިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މަސައްކަތްކުރައްވާ މީމިސްގެ ކޯރޓީމްގެ މެންބަރުންވަނީ ސީ.އެސް. އެފްއާއި އެކު ސިންގަޕޫރުގައިވެސް ތަމްރީންތަކެއް ލިބިގެންފައެވެ.
މިއަދު އޮންލައިން