ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާއާއި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސް ގުޅިގެން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޙަލާލް މެނޭޖްމަންޓު ކޮންފަރެންސް މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ފަށައިފިއެވެ.
މި ކޮންފަރެން ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަލްފާޟިލް އަޒުލީން އަޙުމަދެވެ. މި ރައްސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ޗާންސަލަރ ޑރ. މުހަންމަދު ލަތީފުގެ އިތުރުން މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކު ފައިނޭންސް ގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އިބުރާހިމް ޑީޑި އާއި ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ އިސްވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރާއިން ނާއި ދަރިވަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިކޮންފަރެންސްގައި "ސަސްޓެއިނިންގ ގުލޯބަލް ޙަލާލް އީކޯސިސްޓަމް"، މި ތީމަށް ދުނިޔޭގެ ކުންފުނިތަކުންނާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ތައްޔާރުކޮށްފައިވާ 51 ޢިލްމީ ދިރާސާތައް ހުށަހެޅިގެންދާނެއެވެ.
މި ކޮންފަރެންސްގައި ޢިލްމީ ދިރާސާތައް ހުށަހެޅިގެންދާނީ ޙަލާލް ޓޫރިޒަމްގެ މިންގަނޑު ތަކާއި ކޮސްމެޓިކުސް އުފެއްދުމުގައި ބޭނުންކުރާނެ ޙަލާލް ކޮންސެޕްޓުގެ ސުޓޭންޑަރޑުތަކާއި ކާބޯތަކެތި އުފެއްދުމުގައި ޙަލާލް އުފެންދުމުގައި ހުންނަން ޖެހޭނެ ކޮލިޓީއާއި މިންގަޑުތަކާއި އިސްލާމިކު ފައިނޭސް އަކީ ކޮބައިކަމާއި އޭގެ ހަމަތަކާއި ފައިދާ އެގިގެންދާނެ ހުށަހެޅުންތަކެވެ.
2 ދުވަހުގެ މުއްދަތަށް ޤައުމީ ޔުނިވަރސިޓީގައި ބާއްވާ މިކޮންފަރަންސްގައިމެލޭޝިޔާ އާއި ދެކުނު ކޮރެއާއިން 51ބައިވެރިންނާއި ރާއްޖޭގެ ކުންފުނިތަކާއި މިނިސްޓުރީތަކުންޖުމްލަ100 ބައިވެރިވެ ޢިލްމީ ދިރާސާތައް ހުށަހަޅާނެއެވެ.
ދުނިޔޭގައި ބާރަށް ކުރިއަރަމުން އަންނަ ޙަލާލް ކޮންސެޕްޓާ ބެހޭ މުހިންމު ޢިލްމީ ދިރާސާތަކަކީ ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގައި ޙަލާލް ކޮންސެޕްޓް ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރެވިދާނެ ދިރާސާތަކެއް ކަމުން، މި ކޮންފަރެންސްގައި ހުށައެޅޭ ދިރާސީ ކަރުދާސްތައް ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސަކަށް ވެގެންދާނެއެވެ.ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޙާއްޞަސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ޔުނިވަރސިޓީއަކަށްވުމާއެކު، މި ކޮންފަރެންސަކީ ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެޚާއްޞަ ކޮންފަރެންސަކަށްވެގެންދާނެއެވެ.