ރިޔާސީ އިންތިޚާބު 2018 ގެ ބައިނަލްއަޤްވާމީ މޮނިޓަރުންނަށް ވެސް މޮނިޓަރ ކުރެވޭނީ ހުއްދަލިބިގެން: އިލެކްޝަންސް
މިއަހަރުގެ ރިޔާސީ އިންތިޚާބު މޮނިޓަރކުރުމުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި މިކޮމިޝަނުން ހުއްދަ ދޫކުރާ ފަރާތްތަކަށް ވުމާއެކު ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ. އެކޮމިޝަނުން ބުނެފައިވަނީ ކޮމިޝަނަށް ހުށަހަޅައިގެން ބައިނަލްއަޤްވާމީ މޮނިޓަރުކަމުގެ ހުއްދަ ދޫކުރާ ފަރާތްތައް ފިޔަވައި އެހެނިހެން ގޮތްގޮތަށް ރާއްޖެ އަންނަ ފަރާތްތައް އިންތިޚާބުގައި މޮނިޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ މަނާކަމެއްކަމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2018 މޮނިޓަރކުރުމަށް ބައިނަލްއަޤްވާމީ މޮނިޓަރުންނަށްވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އެކި ފަރާތްތަކުން އަންނަނީ އެޕްލިކޭޝަން ހުށަހަޅަމުންނެވެ. އެގޮތުން 14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ15:00 އާއި ހަމައަށް ހުޅުވާލާފައިވާ ފުރުސަތުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އިންތިޚާބު މޮނިޓަރކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.