17،000 އަށްވުރެ ގިނަ މީހުންގެ ވޯޓުލުމަށް ހުރަސް އަޅައިފި-ކޮމިޝަން ބަދަލުނުކޮށް ވޯޓުލުމުގެ ހައްޤު ލިބޭނެ އެއްވެސް ގޮތެއް ނެތް: ކޯލިޝަން
17،000 އަށްވުރެ ގިނަ މީހުންގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ހުރަސް އަޅައިފި ކަމަށާއި އިލެކްޝަންސް ކޮމިޝަން ބަދަލުނުކޮށް ވޯޓުލުމުގެ ހައްޤު ރައްޔިތުންނަށް ލިބޭނެ އެއްވެސް ގޮތެއް ފެންނަން ނެތް ކަމަށް ގުޅިފައިވާ ކޯލިޝަނުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޯލިޝަނުން ބުނީ އިލެކްޝަންސް ކޮމިޝަނުން އަމިއްލައަށް ސީލިންގ އެއް ކަނޑައަޅައި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ ވާހަކަތައް ދައްކާއިރު ފުރަތަމަ ކަމަކަށް އިލެކްޝަންސް ކޮމިޝަނަކީ ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއިއެކު މަސައްކަތްކުރާ ތަނެއްކަން ރައްޔިތުންނަށް ޤަބޫލުކުރެވޭނެ ގޮތް ހަދަންޖެހޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ އަމަލުތަކުން ފެންނަނީ އެއް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރެވޭނެ ގޮތަށް ކަންކަން ކުރަމުން ގެންދާތަން ކަމަށެވެ.
އެކަމުގެ ހެކި ދައްކަމުން ބުނީ މިދިއަ އަަހަރުގެ ހިސާބުތަކަށް ބަލާއިރު ރިޒޯޓުތަކުގައި 17000 އަށްވުރެ ގިނަ މުވައްޒިފުން މަސައްކަތްކުރާއިރު އެމީހުން ވޯޓުލުމަށް ހުރަސްއެޅޭނެ ގޮތްތަކަށް އަމަލުތައް ކުރާ ސަބަބު ވަަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
ސަބަބެއް ކަމަށް ބުނީ އެންމެ ފަހުން ނެގި ވޯޓުގައި ރިޒޯޓުތަކުގައި ބެހެއްޓި އެއްވެސް ވޯޓުފޮށްޓަކުން ސަރުކާރަށް އަޣްލަބިއްޔަތު ލިބިފައި ނުވުމާއި ބައެއް ވޯޓުތަކުން ،92 އަދި 94 އިންސައްތަ އިދިކޮޅު ކެންޑިޑޭޓުންނަށް ލިބިފައިވަނިކޮށް ކޮމިޝަނުން އަމިއްލައަށް އުޞޫލުތައް ސީލިންގއެއް ކަނޑައަޅައި ކަންކަން ބަދަލުކޮށް ރިޒޯޓުތަކުގައި މިފަހަރު ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދު މަދުކުރުމުން ސަބަބު ވަަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ.
ކޯލިޝަނުން ބުނީ މިހާލަތު ބަދަލުކުރަން ކުރެވެން އޮތް ހަމައެކަނި ކަމަކީ އިލެކްޝަންސް ކޮމިޝަން ބަދަލުކޮށް އެއީ އިންސާފުވެރިކަމާއިއެކު ކަންކަން ކުރާ ތަނަކަށް ހެދުން ކަމަށެވެ. އަދި އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ.