އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލު (އެޗްއާރްއެޗް) ގައި މަސައްކަތް ކުރާ މީހަކު، ގޭގައި މަޑުކުރަން ހެލްތު މިނިސްޓްރީން އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގޭގައި މަޑުކުރަން އަންގާފައިވަނީ އެޗްއާރްއެޗް ގެ އިދާރީ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުޙައްމަދު މުއީން ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު ހަތް އަހަރުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މުއީން އޮފީހަށް ނިކުތުން މަނާ ކޮށްފައިވަނީ ސިވިލް ސާވިސް ޤަވައިދު 2014ގެ 258 ވަނަ މާއްދާގެ (ނ) ގެ 2 އަށް ރިއާޔަތްކޮށްގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އެމާއްދާގައި ބުނެފައިވަނީ "މުވައްޒަފު ވަޒީފާއަށް ނިކުމެ އުޅުމުން އެއިދާރާއަށް ނުވަތަ އެއިދާރާގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ނުވަތަ ޚިދުމަތް ލިބިގަންނަން އަންނަ މީހަކަށް ނުވަތަ ބަޔަކަށް އެކަށީގެންވާ ހަމަތަކަށް ބަލާއިރު ސީދާ ގެއްލުމެއް ނުވަތަ މައްސަލައެއް ކުރިމަތިވެ ދާނެ ކަމަށް ފެނިއްޖެ ހިނދެއްގައި" ކަމަށެވެ.
މުއީން ގޭގައި މަޑުކުރަން އަންގާފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް އިތުމުން އެމައްސަލައިގެ ތަހުގީގު ނިމެންދެން، މުސާރަ ލިބޭ ގޮތަށް، 30 ދުވަހުގެ މުއްދަތަކަށެވެ.
އޭނާއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއަށް ތާއީދު ކުރާކަން ސޯޝަލް މީޑިއާގައި ފާޅުކުރަމުން އަންނަ މީހެއް ކަމަށް އެނގިފައިވެއެވެ.