ރާއްޖެއިން އިސްލާމްދީން ނައްތައިލެވޭނީ ކަރުގެ ހިމަ ނާރު ބުރިކޮށްލުމަށްފަހު: ޑރ. ޝަހީމް
އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރަމުން ގެންދަނީ ރާއްޖެއިން އިސްލާމް ދީން ފޮހެލުމުގެ މަސައްކަތް ކަމަށާއި ކިތަންމެ މަސައްކަތްތަކެއް ކުރި ނަމަވެސް ރާއްޖެއިން އިސްލާމް ނައްތައިލެވޭނީ ކަރުގެ ހިމަ ނާރު ބުރިކޮށްލުމަށްފަހު ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅު 2 ބުރީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ރުމާލް 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އާދޭސްކޮށްގެން ޤައުމުގައި ތިބި ވިޔަފާރިވެރިންނަށް ފިޔަވަޅު އެޅުވުމަކީ ޤައުމަށް ހެޔޮއެދޭ ބައަކު ކުރާނެ ކަމެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގައި އިސްލާމީވަންތަކަމާއި ކަމަށެވެ. އަދި އެ މަސައްކަތަކީ ވަރަށް ކުރިންސުރެ ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މީގެ ކުރިން އިސްލާމް ދީން ކިޔަވަން ބޭނުންނަމަ ޖެހޭނީ ރާއްޖެއިން ބޭރަށް ގޮސް ކިޔަވަން ނަަމަވެސް ރައީސް ޔާމީން އުފެއްދެވި އިސްލާމީ ޔުނިވަރސިޓީން ޢަރަބި، އިނގިރޭސި އަދި ދިވެހިބަހުން ކޯސްތައް ހެދެން އެބަހުރި ކަމަށާއި ޕީއެޗްޑީ ކޯސްތައް ހިންގަމުން ގެންދާ ކަމަށެވެ. އެހެންކަމުން އިސްލާމް ދީން މަތިވެރިކުރަން ބޭނުންވާ އެންމެންވެސް ގުޅެންވީ ރައީސް ޔާމީނާއި ކަމަށެވެ.
ޑރ. ޝަހީމް ރޭވެސް ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނުގެ އަރިއަހުން އެދިވަޑައިގަތީ ރާއްޖޭގައި އިސްލާމް ދީން މަތިވެރިކުރަން އެހީތެރިވެދެއްވުމަށް ކަމަށާއި އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރަން މީހަކު އެހީއަށް އެދުމުން، ޚާއްޞަކޮށް ވަލިއްޔުލްއަމުރު އެކަމަށް އެދިވަޑައިގަތުމުން އެކަމަށް ދެކޮޅު ހެދުމަކީ ބޮޑު ފާފައެއް ކަމަށެވެ. "އެހެންވެ އަޅުގަނޑު އެއްވެސް ޝަރުޠަކާއި ނުލައި މިކަން ޤަބޫލުކުރީ. އަޅުގަނޑު ޚިދުމަތްކުރާނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި ި ވަފާތެރިކަމާއެކު."
ޑރ. ޝަހީމް ވިދާޅުވީ ީގެ ކުރިން ސިޔާސީ މައިދާނަށް ނުކުމެވަޑައި ނުގަންނަވާ އެތައް ބައިވަރު ދީނީ ޢިލްމުވެރިން މިފަހަރުގެ އިންތިޚާބުގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން އަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. "ޢަޒީބެ ވެސް ވިދާޅުވި 1000 ވޯޓު ކީއްކުރަން 2000 ވޯޓުވެސް ހޯދާނަމޭ."
ޑރ. ޝަހީމް ވިދާޅުވީ މި އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއް ކަމަށާއި ސަބަބަކީ މި އިންތިޚާބުގައި ވާދަކުރަންޖެހޭ އެއް ފަރާތަކީ ޔޫރަޕް ކަމަށްވުން ކަމަށެވެ. އެހެންކަމުން ދިވެހިންގެ ޤައުމިއްޔަތު ދިފާޢު ކުރުމަކީ ދިވެހިންގެ މައްޗަށް އޮތް ދީނީ ޤައުމީ ވާޖިބެއް ކަމަށެވެ.