ވިލާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ސިޔާދު ޤާސިމަށް ސިޔާސީ އަނިޔާ ކުރުން ހުއްޓާލަން ޖޭޕީގެ އިސް ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޑރ. ޙުސައިން މިއަދު ވިދާޅުވީ ސިޔާދު ބަންދުގައި ބަހައްޓަނީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށާއި އަދި ބަންދުގައި މީހަކު ބަހައްޓަންޖެހޭ އިޖުރާތުތައް ފުރިހަމަވާތީ ކަމަށްވެސް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "ޤާނޫނު އަސާސީގައި ބުނެފައި އޮންނަނީ މީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވުމުން ކަމަށް."
ޑރ. ޙުސައިން ވިދާޅުވީ ސިޔާދަކީ މުޖުތަމައުއަށް ނުރައްކައުތެރި މީހެއް ނޫން ކަމަށާއި އަދި ހެކި ފޮރުވުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވާ ބޭފުޅެއްވެސް ނޫން ކަމަށާއި ރާއްޖެއިން ފިއްލަވައިގެން ވަޑައިގެންފާނެކަމުގެ ބިރު ފަދަ މީހަކު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަން ޤާނޫނުގައި ބުނާ އެއްވެސް އިޖުރާތެއް ފުރިހަމަވާ ބޭފުޅެއްވެސް ނޫން ކަމަށެވެ. "އެހެންކަމަށްވާއިރު މިހައި ދިގު މުއްދަތެއްގައި ސިޔާދު ޖަލު ބަންދުގައި ބަހައްޓާ ސަބަބާއިމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ."
"ސިޔާދަކީ ސިޔާސީ އެއްވެސް ކަމެއްގައި އުޅުއްވާ ބޭފުޅެއް ނޫން. ސިޔާސީ އެއްވެސް ޕާޓީއަކަށް ނިޞްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނޫން. ސިޔާދުގެ ހަމައެކަނި ކުށެއް ކަމަށް ބައެއް މީހުން ބުނަނީ އޭނާއަކީ ހަމައެކަނި ޤާސިމް އިބްރާހީމްގެ ދަރިކަލެއްކަން. އެއީ ސިޔާދު ކުރައްވާ ކުށެއް ނޫން."
ސިޔާދު ބަންދުގައި ބެހެއްޓުމަކީ މިސަރުކާރާ ދެކޮޅުކަމަށް ސަރުކާރަށް ފެންނަ ކޮންމެ މީހަކު ބަހައްޓާނީ ބަންދުގަ ކަމަށް ސަރުކާރުން ދޭ ސިގްނަލެއްތޯ؟ ވެސް ޑރ. ޙުސައިން ވަނީ ސުވާލު ކުރައްވައިފައެވެ.
- ޑރ. ޙުސައިންގެ ވާހަކަފުޅު (އޯޑިއޯ)