ކިތަންމެ ވަރަކަށް އަނިޔާކުރިނަމަވެސް، ކިތަންމެ ބޮޑު ގެއްލުމެއް ދިންނަމަވެސް ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ހުންނެވީ ފަހަތަށް ޖެހިވަޑައިގެން މިސަރުކާރާއި ގުޅިވަޑައިގަންނަވަން ނޫން ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ބަލައިފިނަމަ އެންމެ ބޮޑު ގެއްލުމާއި އަނިޔާ ލިބެމުންދަނީ ޤާސިމް އިބްރާހީމް އަށާއި އެމަނިކުފާނުގެ ޢާއިލާއަށް ކަމަށެވެ. އެމަނިކުފާނުގެ ވިޔަފާރިތަކަށް ތަފާތު ހުރަސްތައް ކުރިމަތިކުރުވުމުގެ އިތުރުން އެއްވެސް ކުށެއް ނެތި އެމަނިކުފާނުގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް ބަންދުގައި ބެހެއްޓުން މިކަމުގެ ހެއްކަކަށް ފުދޭނެ ކަމަށެވެ.
ސަމީރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ޤާސިމް އިބްރާހީމް ދެއްވާ އެންމެ ބޮޑު ޔަޤީންކަމަކީ އެމަނިކުފާނާއި އެމަނިކުފާނުގެ މުދަލާއި އަދި ޢާއިލާއާއިމެދު ރައީސް ޔާމީން ކޮންމެ ގޮތަކަށް އަމަލުކުރެއްވެވި ނަމަވެސް ފަހަތަށް ޖެހިވަދައި ނުގަންނަވާނެ ކަމުގެ ޔަޤީންކަން ކަމަށެވެ. "އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ރަގަޅު ގޮތްތައް ހޯއްދަވައި ދެއްވަން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި އަދުލު އިންސާފު ހޯއްދަވައިދެއްވަން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ."
"އެމަނިކުފާނުގެ އެންމެ ފަހު ބަސްފުޅަކަށްވެސް ވިދާޅުވީ ދަރިންނޭ ފަހަތަށް ނުޖެހޭށޭ. އަނިޔާ ކުރަމުންގެންދާއިރު އެއަނިޔާކުރާ މީހުންނަށް ތިއަ ކުރަނީ އަނިޔާއޭ ބުނެ ރައްދު ދޭށޭ!"
ސަމީރު ވިދާޅުވީ ޤާސިމް އިބްރާހީމް ހޭދަކުރައްވަމުން ގެންދަވަނީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށާއި އެހުރިހާ ކަންކަމާއިއެކުވެސް ޤާސިމް އިބްރާހީމް ހުންނެވީ ރައްޔިތުންނާއިއެކުގައި ކަމަށެވެ. އަދި ގިނިކަންޏާ މަސައްކަތްޕުޅު ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް މަސައްކަތްޕުޅު ކުރައްވާނީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށެވެ.
ސަމީރުގެ ވާހަކަފުޅު (އޯޑިއޯ)